ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ނައިބު މުހައްމަދު ރާގިބު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސިވިލް ކޯޓަށް ތިން ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުއެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ މަގާމުތަކަށް ޖުމްލަ 42 ބޭފުޅަކު ކުރިމަތިލެއްވިއެވެ. މި ތިން މަގާމަށް އައްޔަންކުރާނެ ބޭފުޅުން ޖޭއެސްސީން މިހާރު ވަނީ ކަނޑައަޅުއްވައިފައެވެ.
ރާގިބާއެކު ދެން މި މަގާމުތަކަށް އައްޔަންކުރުމަށް ނިންމާފައިވަނީ ރ. ހުޅުދުއްފާރު/ ރޯޒްވިލާ، އާސިޔާ އަޒީމާ އާއި ގއ. ކަނޑުހުޅުދޫ/ ރީލް މަންޒިލް، މުހައްމަދު ނިޝާތުއެވެ.
ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ރާގިބަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބުގެ މަގާމުން ވަކިކޮށްފައިވާ ބޭފުޅެކެވެ. އެ މަގާމުން އޭނާ ވަކިކުރީ، ގދ. ތިނަދޫގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޭރުގެ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، ދައުލަތާ ދެކޮޅަށް ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް އޭނާ ހުށަހެޅުއްވުމުންނެވެ.
ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ މަހަކު ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް ވެސް ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ