ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުޅިވަރު ނިއުސް އެޑިޓަރު ސާއިދު އަޙުމަދުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ގިނަ ބައެއްގެ އިޙްތިރާމް ހޯދާފައިވާ ނޫސްވެރިޔާ ސާއިދުގެ ހާލު ސީރިއަސްވެފައި މިވަނީ، ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނަށް ރާއްޖެއިން ބޭރަށް ފުރުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އޭނާގެ ޙާލު ކުއްލިއަކަށް ގޯސްވެފައި މިވަނީ، މިއަދު ހެނދުނު އައިޖީއެމްއެޗުން ޑަޔަލަސިސް ހެދުމަށްފަހު ކަމަށް މަޢުލޫމާތު ލިބެ އެވެ.
ސާއިދާ ގާތް ބައެއް ފަރާތްތަކާ ޙަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާގެ ޙާލު މިހާ ސީރިއަސް ފައްތަރަކަށް ދިޔައީ ސްޓްރޯކެއް ޖެހުމުގެ ސަބަބުންނެވެ. މި ވަގުތު އޭނާގެ ޙާލު ވަރަށް ބޮޑަށް ގޯސް ކަމަށް އެ ފަރާތްތަކުން ބުނެފައި ވެ އެވެ.
ސާއިދުގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ 2018 ވަނަ އަހަރު އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް، ދިރިއުޅުމުގެ ބޮޑު ބައެއް ބައްޓަން ކުރަން ޖެހިފައި ވަނީ ގަވާއިދުން ހަދަން ޖެހޭ ޑައިލިސިސް ގެ ވަށައިގެންނެވެ. ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް، ދެ ތިން ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ދަތުރުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އޮޕަރޭޝަން ފުރިހަމަ ނުކުރެވި، ކޮންމެ ފަހަރަކުވެސް ޖެހެނީ އެނބުރި ރާއްޖެ އަންނާށެވެ.
ސާއިދަކީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް ފުޓުބޯޅައިގެ ޚަބަރާއި ރިޕޯޓު ގެނެސްދިނުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ނޫސްވެރިޔެކެވެ.
ކޮމެންޓު ފޮނުވާ