ވިލިމާލެ ހޮސްޕިޓަލް އަމާން ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް މި މަހު ނިންމަނީ

ވިލިމާލެ ހޮސްޕިޓަލް އަމާން ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް މި މަހު ނިންމަނީ

Author
އަހުމަދު
09 އޮގަސްޓް 2026 07:32
0

ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި އަޅާ 112 އެނދުގެ އައު ހޮސްޕިޓަލް އިމާރާތްކުރުމަށް ބިން ހުސްކުރުމުގެ ގޮތުން، މިހާރުގެ ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން ބަދަލުކުރާ އަމާން ހިޔާ އިމާރާތުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އަމާޒު ހިފައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ، އަމާން ހިޔާ އިމާރާތަށް ހޮސްޕިޓަލު ބަދަލުކުރުމަށް ބޭނުންވާ ޕާޓިޝަން ޖެހުމާއި ވޯޑުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މި މަހުގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ވިލިމާލޭގައި އައު ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ ނަން ދީފައިވާ 112 އެނދުގެ އެ ޖެނެރަލް ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ލެޓާ އޮފް އެކްސްޗޭންޖުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އައު ހޮސްޕިޓަލްގެ މަސައްކަތް 2027 ވަނަ އަހަރު ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ކުރިން ވިދާޅުވެފައިވާ ގޮތުގައި، އައު ހޮސްޕިޓަލް ފަރުމާ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހުރިހާ ހިދުމަތްތަކެއް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ފަދަ، އަދި ތިމާވެއްޓާ ވެސް ރައްޓެހި ގޮތަކަށެވެ.

މިހާރު ހިންގަމުން އަންނަ ވިލިމާލެ ހޮސްޕިޓަލަށް 29 އަހަރު ފުރިފައިވާއިރު، އެންމެ ފުރަތަމަ އެތަން ފަށާފައި ވަނީ ސިއްހީ މަރުކަޒެއްގެ ގޮތުގައި، ތިން ކޮޓަރީގައި ރަސްމީ ގަޑިތަކުގައި ހިދުމަތް ދޭ ތަނެއްގެ ގޮތުގައެވެ. އެ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭން ފެށީ 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި މިހާރު ހޮސްޕިޓަލު ހިންގަމުންދާ އިމާރާތަށް ބަދަލުވީ 15 އޭޕްރީލް 2002 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.