ވޭތުވެދިޔަ އަހަރު ރާއްޖޭގައި 5625 ކުދިން އުފަންވެ، 1399 މީހުން ނިޔާވި

ވޭތުވެދިޔަ އަހަރު ރާއްޖޭގައި 5625 ކުދިން އުފަންވެ، 1399 މީހުން ނިޔާވި

Author
އަހުމަދު
07 އޮގަސްޓް 2026 09:34
0

ވޭތުވެދިޔަ އަހަރު ރާއްޖޭގައި 5625 ކުދިން އުފަންވެ، އެކި ޢުމުރުފުރާތަކުގެ 1399 މީހުން ނިޔާވެފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާބެހޭ ޤައުމީ އިދާރާ ގުޅިގެން އެކުލަވާލި "ކުއަރޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓު ދިރާސާކުރި އިރު، ރާއްޖޭގައި އުފަންވި ކުދިންގެ ތެރެއިން 2835 އަކީ ފިރިހެން ކުދިންނެވެ. އަދި 2789 އަކީ އަންހެން ކުދިންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި 28 ދިވެއްސަކު ނިޔާވެފައިވާ ކަމުގައި މި ރިޕޯޓުގައި ބުނެފައިވެއެވެ.

ނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދުވަސްވީ މީހުންނެވެ. އެގޮތުން 65 އަހަރުން މަތީގެ 858 މީހަކާއި، 18 އަހަރާއި 64 އަހަރާ ދެމެދުގެ 451 މީހުން ވަނީ މި މުއްދަތުގައި މި ދުނިޔެއަށް އަލްވަދާޢު ކިޔައިފައެވެ. ހަމައެއާއެކު 5 އަހަރާއި 17 އަހަރާ ދެމެދުގެ 14 ކުދިންނާއި، 4 އަހަރުން ދަށުގެ 75 ކުއްޖަކުވެސް ނިޔާވެފައިވެއެވެ.

އުފަންވާ ކުދިންގެ ނިސްބަތް އަހަރުން އަހަރަށް ދަށްވަމުންދާތީ މިއީ ތަޖުރިބާކާރުން ކަންބޮޑުވުމާއެކު ފާހަގަކުރާ މައްސަލައެކެވެ. 1995 ވަނަ އަހަރު އެވްރެޖްކޮށް ދިވެހި އަންހެނަކު 6.4 ކުދިން ވިހާފައިވީ ނަމަވެސް، 2022 ވަނަ އަހަރު މި ނިސްބަތް ވަނީ 1.7 އަށް ދަށްވެފައެވެ. މާނައަކީ ތިން ދަރިޔަކަށްވުރެ ގިނަ ކުދިން ވިހާ ދުވަސް މާޒީވެއްޖެ ކަމެވެ.

މިކަމުގެ ސަބަބުން ކުރިއަށް އޮތް 30 ވަރަކަށް އަހަރު ތެރޭގައި މަސައްކަތްކުރާ ޢުމުރުފުރާގެ އާބާދީ ކުޑަވެ، ދުވަސްވީ މީހުންގެ އާބާދީ އިތުރުވާނެ ކަމަށާއި، މިއީ ޤައުމީ އިޤްތިޞާދަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ. މި ބަދަލުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ބޯހިޔާވަހިކަން ހޯދުމުގައި ހުރި ދަތިތަކާއި، ވަރީގެ މައްސަލަތައް އިތުރުވަމުންދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.