ވަގަށް ނަގައިފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމުގެ ތުހުމަތުގައި އައްޑޫން 58 އަހަރުގެ މީހަކު ހައްޔަރު ކޮށްފި

ވަގަށް ނަގައިފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމުގެ ތުހުމަތުގައި އައްޑޫން 58 އަހަރުގެ މީހަކު ހައްޔަރު ކޮށްފި

Author
އަހުމަދު
07 އޮގަސްޓް 2026 09:29
0

ވަގަށް ނަގައިފައިވާ އަގުހުރި ތަކެތި ނުއަގުގައި ގަންނަ ކަމުގެ ތުހުމަތުގައި އައްޑޫ މަރަދޫން 58 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ އައްޑޫ މަރަދޫ / ފާގަތި، ޢަބްދުﷲ ޢުމަރު ކަމަށެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ވަގަށް ނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫ ގަން ފުލުހުންގެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ.

އެ އޮޕަރޭޝަނުގައި ޢަބްދުﷲ ދިރިއުޅޭ ފާގަތިގެ ބަލައި ފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 ތަކެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ޕަވާ ޓޫލާއި، ކާޗާ މެޝިނާއި، އިސްޕީކަރާއި، ލައިޓުގެ އިތުރުން އެހެނިހެން ސާމާނުތައް ހިމެނެއެވެ. ފުލުހުން ބުނިގޮތުގައި، މި ތަކެއްޗަކީ އައްޑޫގެ އެކި ގޭގޭން ވަގަށް ނަގައިގެން ވިއްކައިފައިވާ ތަކެއްޗެވެ. އަދި މީގެ ތެރެއިން ބައެއް ތަކެތި މިހާރު ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، ވަގަށް ނަގައިގެން ވިއްކާ ތަކެތި ނުގަތުމަށާއި، ނުއަގުގައި ތަކެތި ވިއްކާ ކަމަށް ޝައްކުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.