ގަލްފުގެ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުގެ ޢަދަދު ބޮޑުތަނުން ދަށްވެއްޖެ

ގަލްފުގެ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުގެ ޢަދަދު ބޮޑުތަނުން ދަށްވެއްޖެ

Author
އަހުމަދު
07 އޮގަސްޓް 2026 09:32
0

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ދޮރާށިތައް ކަމުގައިވާ ހުރްމުޒް ކަނޑުއޮޅިއާއި ބާބުލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ޢަދަދު، ރެކޯޑް މިންވަރަކަށް އިއްޔެ ދަށްވެއްޖެއެވެ.

ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކުރާ 'ކެޕްލަރ’އިން ހާމަކުރި ގޮތުގައި، މިދިޔަ ބުދަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ ދެ އުޅަނދެވެ. އެއީ އެ ސަރަޙައްދަށް ވަން ޕެނަމާގެ ބޯޓަކާއި، އެ ސަރަޙައްދުން ބޭރުވި މާޝަލް އައިލެންޑްސްގެ ބޯޓެކެވެ. މީގެ ކުރީ ދުވަހު އެ ކަނޑުއޮޅިން 8 އުޅަނދު ދަތުރުކުރި އިރު، ޢާންމު ޙާލަތުގައި ދުވާލެއްގެ މައްޗަށް 130 އަށްވުރެ ގިނަ އުޅަނދު އެ މަގުން ދަތުރުކުރެއެވެ.

ދަތުރުފަތުރު މިހާ ބޮޑަށް މަދުވެފައި މިވަނީ، މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، އީރާނުން މި މުޙިންމު ކަނޑުއޮޅި ބަންދުކުރުމުންނެވެ.

ހަމައެއާއެކު، ބާބުލްމަންދަބު ކަނޑުއޮޅިން އިއްޔެ ދަތުރުކޮށްފައިވަނީ ބަހާމާސްގެ ދިދަ ޖަހާފައިވާ އެންމެ ބޯޓެކެވެ. މީގެ ކުރީ ދުވަހު އެ ސަރަޙައްދުން 20 އުޅަނދު ދަތުރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މި ސަރަޙައްދުގެ މަސްރަޙު އިތުރަށް ނުތަނަވަސްވެފައި މިވަނީ، ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރި ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ބޯޓުތަކަކަށް މިސައިލް ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ހޫޘީން ބުނާ ގޮތުގައި މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ރަތްކަނޑުގެ ޔަންބޫޢު ސަރަޙައްދާއި ޢަދަން ކަނޑުއޮޅިން ދަތުރުކުރި ބޯޓުތަކަށެވެ.

ހޫޘީން މިދިޔަ މަހުން ފެށިގެން ސަޢޫދީއާ ދެކޮޅަށް ކަނޑުގެ ޙިޞާރެއް އިޢުލާނުކޮށްފައިވީ ނަމަވެސް، މި ޙަމަލާތަކާ ގުޅިގެން ސަޢޫދީގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޙޫޘީން ޔަމަނަށް ޙަމަލާދެމުންދާ ކަމަށް ކުރާ ތުހުމަތުތައް، ސަޢޫދީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.