އދ. ދިގުރަށު ގޮނޑުދޮށް، ދުނިޔޭގެ އެންމެ އަގުބޮޑު 10 ބީޗުގެ ތެރޭގައި ހިމެނިއްޖެ އެވެ.
ލަގްޒަރީ ވިލާ ހޮލިޑޭ ސްޕެޝަލިސްޓެއް ކަމަށްވާ ސީވީ ވިލާސްއިން ހެދި ދިރާސާއެއްގައި، ދިގުރަށު ދޮންވެލި ތުނޑީގެ އަންދާސީ އަގަކީ 2.9 ބިލިއަން ރުފިޔާ (187.6 މިލިއަން ޑޮލަރު) ކަމަށް ކަނޑައަޅައި، މި ލިސްޓުގެ 8 ވަނަ ދިގުރަށަށް ވަނީ ދީފަ އެވެ. މި ދަރަޖަ ދިގުރަށަށް ލިބުނުއިރު، ކޭމަން އައިލެންޑްސްގެ މަޝްހޫރު ސެވަން މައިލް ބީޗާއި، ބްރެޒިލްގެ ރިއޯ ދެ ޖަނޭރޯގައި އޮންނަ ކޮޕަކަބާނާ ބީޗު ވެސް އޮތީ ދިގުރަށަށް ވުރެ ފަހަތުގަ އެވެ.
މި ދިރާސާގައި ދުނިޔޭގެ މަޝްހޫރު ބީޗުތަކުގެ އަގު ހެދުމަށް ބަލާފައި ވަނީ، އެ ތަންތަނަކީ އަމިއްލަ މިލްކިއްޔާތެއްގެ ގޮތުގައި ގަނެވޭނެ ބިންތަކެއްގެ ގޮތުގައި ފަރުމާކޮށްގެންނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު 15 ބީޗުގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި ތަނަކީ ވެސް ދިގުރަށެވެ.
ދިގު ދޮންވެލި ތުނޑިއަކާއި ފެހުރިހި ބަލައިލަން ދާން އެންމެ ކަމުދާ އެއް ތަނުގެ ގޮތުގައި މަޝްހޫރު ދިގުރަށަކީ ގެސްޓްހައުސް ޓޫރިޒަމާއި، ޑައިވިން، އަދި މޫދު ކުޅިވަރުތަކަށް ވަރަށް މަގުބޫލު ރަށެކެވެ. މި ސަބަބުތަކާ ހުރެ، ބިދޭސީ ފަތުރުވެރިންގެ މެދުގައި ދިގުރަށަކީ ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް މަންޒިލެވެ.
ސީވީ ވިލާސްގެ ރޭންކިންގެ އެންމެ ކުރީގައި އުޅެނީ 1.2 ބިލިއަން ޑޮލަރުގެ އަންދާސީ އަގެއް ދީފައިވާ ފްލޮރިޑާގެ ސިއެސްޓާ ބީޗެވެ. ދެ ވަނަ 971 މިލިއަން ޑޮލަރާ އެކު ފްރާންސްގެ ޕަމްޕެލޯން ބީޗަށް ލިބޭ އިރު، ތިން ވަނަ 660 މިލިއަން ޑޮލަރާ އެކު ލިބިފައި ވަނީ ޕޯޗުގަލްގެ ޕްރާޔާ ދަ ފަލޭސިއާ އަށެވެ.
ކޮމެންޓު ފޮނުވާ