އއ. އުކުޅަހުން އިތުރު 2 ހެކްޓަރުގެ ބިން ހިއްކައި، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އުކުޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމުގެ ގޮތުން، މިހާރު ހިއްކާފައިވާ ބިމަށް އިތުރު 2 ހެކްޓަރު އިތުރުކޮށްދެއްވާނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އީއައިއޭގެ މަސައްކަތްތައް ނިންމުމަށްފަހު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ހަމައެކަނި އުކުޅަހުގައި ނޫން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ކަމަށާއި، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބިން ހިއްކުމުގެ އަދި ބޯހިޔާވަހިކަމުގެ އެތައް މަޝްރޫޢެއް ފެށިފައިވާ ކަން ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަމެއް ކުރިއަށް ގެންދަވަނީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެއްޓިފައި އޮތް އިޤްތިޞާދު ކޮޅަށް ޖެއްސެވުމުގެ މަސައްކަތާ އެކުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އިތުރު ހައުސިންގ ޔުނިޓްތަކެއް ޤާއިމުކުރުމަށާއި، ހިއްކާ ނިމިފައިވާ ސަރަޙައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މަގު ހެދުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ރަށުގެ އިންޖީނުގެ ބޮޑުކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގައި ދިމާވެފައިވާ ދަތިކަން ވެސް ކައުންސިލަރުން ރައީސްއާ ޙިއްޞާކުރެއްވިއެވެ.
2023 ވަނަ އަހަރު އުކުޅަހުން 13 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 21 ހެކްޓަރުގެ އެ ރަށުގެ އާބާދީ 1200 އިން މައްޗަށް އަރައެވެ. ގޯތި ދޫނުކުރާތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އުކުޅަހުގައި، މިހާރު ވެސް އަމިއްލަ ގޯއްޗެއް ބޭނުންވެފައި ތިބި އެތައް ޢާއިލާއެއް އެބަ ތިއްބެވެ. ހިއްކާ ބިމުގެ ފައިދާ ވީހާވެސް ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ބޭނުންކުރާނެ ކަމަށާއި، މިހާރު ވެސް ސަރުކާރުން ވަނީ އެ ރަށުގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައެވެ.
ކޮމެންޓު ފޮނުވާ