ތިން މީހަކު ކަނޑަށް ވެއްޓުނީ ދިޔަ ހިއްކަން އުޅެނިކޮށް ދޯނި އަރިއަޅާލައިގެން

ތިން މީހަކު ކަނޑަށް ވެއްޓުނީ ދިޔަ ހިއްކަން އުޅެނިކޮށް ދޯނި އަރިއަޅާލައިގެން

Author
އަހުމަދު
06 އޮގަސްޓް 2026 01:55
0

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ދާން ފެށުމުން، ދިޔަ ހިއްކުމުގައި ހަރަކާތްތެރިވި ތިން މީހަކު ކަނޑަށް ގެއްލިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަށް ދަތުރުކުރި "ފްރެންޑް 4″ ދޯންޏަށެވެ. އެ ދޯންޏަށް ރާޅު އަރައި ދިޔަވާން ފެށުމުން، ދަންވަރުގެ ވަގުތެއްގައި ފުލުހުންނާއި ސިފައިންނަށް އެކަން ރިޕޯޓުކުރި ކަމަށް މައުލޫމާތު ލިބެ އެވެ.

ކައްޕި މުހައްމަދު ހަމްދޫނާއެކު ހަތް ބިދޭސީން ހިމެނޭ ގޮތަށް ޖުމްލަ އަށް މީހުން އެ ދޯނީގައި ތިއްބެވެ. ރާޅު އެރި ފަހުން ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދާއި ފުލުހުންގެ އަލީ ނާފިއު ވެސް ދޯނީގައި ތިއްބެވެ. ނަމަވެސް، ދޯނި އަރިއަޅާލި ވަގުތު ކައްޕި ހަމްދޫނާއި މި ދެ ބޭފުޅުން ވަނީ ކަނޑަށް ގެއްލިފަ އެވެ. އެ ދޯނީގައި ތިބި ބިދޭސީން ވަނީ ސަލާމަތްވެފަ އެވެ.

މި ހާދިސާގެ މައުލޫމާތު އެނގޭ މީހަކު "މިހާރު"އަށް ބުނީ ތިން މީހުން ގެއްލުނީ ގއ. އަތޮޅު އެކިފަރު ކަނޑުމައްޗަށް ކަމަށާއި، ދޯނި އަރިއަޅާލި ވަގުތު އެ މީހުން ތިބީ ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތުގައި ކަމަށެވެ. ދޯނީގެ މެދުތެރޭގައި ވެލި ބަސްތާތަކެއް ބެހެއްޓިފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ މީހުން ތިބީ ދޯނި ދިޔަވާތީ ޕަމްޕުކުރަން ކަމަށް މައުލޫމާތު ލިބެނީ. އެހެން ހުއްޓައި ދޯނި އަރިއަޅާލި ގަޑީގައި ގެއްލުނީ،" އޭނާ ބުންޏެވެ.

2009 ވަނަ އަހަރު ބަނދެފައިވާ 17 އަހަރު ވެފައިވާ އެ ދޯނި އަރިއަޅާލަން ފެށުމުން، ފުރަތަމަ ނުކުތް މީހުން ސަލާމަތްވި ކަމަށް އޭނާ މައުލޫމާތު ދިނެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުންނާއި ސިފައިން ކުރިއަށްގެންދާތީ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ތިން މީހުން ހޯދުމަށް މޯލްޑިވިއަންގެ ބޯޓަކާއި ޔޫއޭވީ އަދި އުޅަނދުފަހަރު ބޭނުންކޮށްގެން ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.