ރައީސްގެ ދެކަނބަލުން އުކުޅަހު ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުކުޅަހު ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި

Author
އަހުމަދު
06 އޮގަސްޓް 2026 01:47
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސްގެ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި، އިންޓޮސާއީ ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގެ ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމެވެ. މި ދެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް ވިލުންވެރި ދައުލަތްތަކަކާއި، ހަރުދަނާ ޑިމޮކްރަސީތަކަކާއި، ދުޅަހެޔޮ އިޤުތިޞާދުތަކަކާއި، އުންމީދީ މުޖުތަމަޢުތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ އުޞޫލުތައް ޤާއިމުކުރުމުގައި އިޚުލާސްތެރިކަމާއެކު ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ބޭނުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ސަރުކާރުން އެރަށުގައި ޤާއިމުކުރި ވޮލީ ކޯޓު ހުޅުއްވައިދެއްވުމުގެ އިތުރުން، އުކުޅަހުގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އުކުޅަހުގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޚާއްޞަ ހަރަކާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އުކުޅަހަށް ވަޑައިގެންނެވުމުން، އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.