ޔާމީންގެ ދެފަރާތުގައި މިއަދު ތިއްބެވީ ވެރިކަން ވައްޓާލަން އުޅުނު މީހުން: އަބްދުއްރަހީމް

ޔާމީންގެ ދެފަރާތުގައި މިއަދު ތިއްބެވީ ވެރިކަން ވައްޓާލަން އުޅުނު މީހުން: އަބްދުއްރަހީމް

Author
އަހުމަދު
06 އޮގަސްޓް 2026 01:46
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި މިހާރު ތިއްބެވީ އެ މަނިކުފާނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރެއްވި ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ޔާމީނާއި އެ މަނިކުފާނާ މިހާރު އެންމެ އަރިސްކޮށް އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން ޔާމީންގެ ދެފަރާތުގައި މިއަދު 'ދޯ ދެއްވަން' ތިއްބެވި ދެ ބޭފުޅުންގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

"މިސާލަކަށް ސިޓިން ރޫމުގައި ތިއްބަވައިގެން މި 'ދޯ ދެއްވަނީ' އެއް ފަރާތުން ޑރ. ޖަމީލަށް، އަނެއް ފަރާތުން މަލީހަށް. މި ބޭފުޅުންނަށް ކިހިނެއް މި ގައުމުގައި ހިނގާ ކަމެއް އެނގޭނީ،" އޭނާ ވިދާޅުވި އެވެ. "މި ދެ މީހުންނަކީ އަޅުގަނޑުމެންގެ އެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ދެ މީހުން."

މި ސަރުކާރުގެ މަޝްރޫއުތަކަށް ޔާމީނާއި އެ މަނިކުފާނުގެ ޕާޓީން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އެނގޭނީ ސަރުކާރުގެ ބޭފުޅުންނަށް ކަމަށެވެ.

ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހުސައިން ވަހީދު ވެސް މިއަދު ހުންނެވީ ޔާމީންގެ އަރިހުގައިކަން ފާހަގަކުރައްވައި، އެ މައްސަލައިގައި ޑިފެންސް މިނިސްޓަރަށް ފާޑުކިޔުއްވަން އޭނާ ނުކުމެވަޑައިގަތުމަކީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ބަޑި ގުދަނާ ހަވާލުވެހުރި މީހާ އަނެއްކޮޅުން ނުކުމެ މި ދައްކަނީ ޑިފެންސް މިނިސްޓަރުގެ ގޯސް ވާހަކަ. މިއީ ރައްޔިތުން ވިސްނާ ފިކުރު ކުރަން ޖެހޭ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީ ސަރުކާރާއި ޕީޕީއެމް ސަރުކާރު އަޅާކިޔުއްވަމުން އަބްދުއްރަހީމް ވިދާޅުވީ މިހާރު އަދުލްއިންސާފަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުވެފައިވާ ހައްގެއް ކަމަށާއި، ކޯޓުތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޔާމީނަށް ކަމަށެވެ. ދާދި ފަހުން ސުޕްރީމް ކޯޓުގައި ހިނގާދިޔަ ޝަރީއަތެއްގައި ވެސް ސަރުކާރުގެ ނުފޫޒެއް ނެތްކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިއީ އަނިޔާވެރި ސަރުކާރެކޭ ޔާމީނަށް ވިދާޅުނުވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުންނާއި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދޫކޮށްލުމަށް އަމުރުކޮށް، 1 ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ހިނގައިދިޔަ ކަންތައްތަކެވެ.

"ވެރިކަމަށް ކުރިމަތިލާން އައިއިރު، ވެރިކަމަށް ނުކުމެދާނެހެން ހީވާ ހުރިހާ އެންމެން ޖަލުގައި. މިއީ ނޫންތޯ ހަގީގަތަކީ،" އޭނާ ވިދާޅުވި އެވެ.

ޔާމީން މިއަދު ނުކުމެވަޑައިގެން އަނިޔާވެރިކަމުގެ ވާހަކަ ދައްކަވާއިރު، މި ސަރުކާރުގައި ސިޔާސީ ގޮތުން މިހާތަނަށް އެންމެ މީހަކު ވެސް ހައްޔަރުކޮށްފައި ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.