މެންބަރުންގެ އިންޝުއަރެންސާމެދު ރައްޔިތުންނަށް ވިސްނިފައި އޮތީ ރަނގަޅަކަށް ނޫން: މެމްބަރުން

މެންބަރުންގެ އިންޝުއަރެންސާމެދު ރައްޔިތުންނަށް ވިސްނިފައި އޮތީ ރަނގަޅަކަށް ނޫން: މެމްބަރުން

Author
އަހުމަދު
04 އޮގަސްޓް 2026 07:10
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހެލްތު އިންޝުއަރެންސާ ގުޅޭގޮތުން ރައްޔިތުންނަށް ވިސްނިފައި އޮންނަނީ ކުށްހީއެއްކަމުގައި މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އާންމު ކޮމިޓީގައި މިއަދު މެންބަރުންގެ ހެލްތު އިންޝުއަރެންސާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މެންބަރުންނަށްވެސް ހެލްތު އިންޝުއަރެންސް ލިބިވަޑައިގަންނަވަނީ ސީދާ އާސަންދައިގެ ތެރެއިން، އާންމު ރައްޔިތެއްގެ ގޮތުގައި ކަމަށެވެ. އަދި މެންބަރުންނަށްވެސް އިންޝުއަރެންސްގެ ހިދުމަތް ހޯއްދެވުމުގައި ދަތިތަކާ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މެންބަރެއް ކަމަށްވުމުން، ބޭނުން ކޮންމެ ތަނަކުން، ބޭނުން ވަރަކަށް، އެއްވެސް ލިމިޓެއް ނެތި ބޭސްފަރުވާ ކުރެވޭކަމަށް ރައްޔިތުންނަށް ވިސްނިފައި އޮތްކަމަށާއި، އޭގެ ސަބަބުން ގޯސް ހަބަރުތައް ފެތުރެމުންދާ ކަމަށެވެ. ނަމަވެސް މެންބަރުންނަށް ލިބިދޭ ޕެކޭޖަކީވެސް ލިމިޓް ކަނޑައެޅިފައިވާ ވަރަށް ކުޑަކުޑަ ޕެކޭޖެއްކަމަށާއި، ހާއްސަކޮށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭކަމަށް ދެކެވޭ ވާހަކަޔަކީ ސީދާ ތެދު ހަބަރެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ކޮމިޓީގައި މި މައުލޫއަށް ބަހުސް ކުރެއްވި މެންބަރުންގެ ވާހަކަތަކުން ދޭހަވި ގޮތުގައި، މި ވަގުތު އިންޝުއަރެންސް ހިދުމަތްދޭ ކުންފުނިން ދެމުންދާ ޕެކޭޖާމެދު މެންބަރުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ގޮތެއް ނޫނެވެ. ހާއްސަކޮށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެއްވުމަށްފަހު ފުރިހަމަ ކުރައްވަންޖެހޭ މުއާމަލާތްތަކުގެ ދިގުކަމާއި، ޕެކޭޖުގެ ކުޑަކަން ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.

ނަމަވެސް އެންސްޕާއާއި އާސަންދައިން މެންބަރުންނަށް ހިދުމަތް ދެއްވުމުގައި ހާއްސަ ގޮތްތަކެއް ބަހައްޓާކަމަށް ބައެއް ރައްޔިތުން ފާހަގަކުރެއެވެ. މީގެ އިތުރުން، ސަރުކާރު ހޮސްޕިޓަލުތަކުން އެނދު ހޯއްދެވުމަށާއި، އާސަންދައިގެ އެހީ ހޯއްދެވުމަށް މެންބަރުން މެދުވެރިކުރެއްވުމުން އެ ކަންކަން އަވަހަށް ފަސޭހަކަމާއެކު ހަމަޖެހިގެންދާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގައި އަށަގަނެފައި އޮތް ސަގާފަތެއްކަން ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.