ރައްޔިތުންގެ މަޖިލީހުން ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަ ގޮނޑިތަކެއް ކަނޑައެޅުމަށް ރައީސް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުން ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަ ގޮނޑިތަކެއް ކަނޑައެޅުމަށް ރައީސް ހުށަހަޅުއްވައިފި

Author
އަހުމަދު
01 އޮގަސްޓް 2026 11:28
0

ރައްޔިތުންގެ މަޖިލީހުގައި ޒުވާނުންނަށާއި އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑިތަކެއް ޚާއްޞަކުރުމަށް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާ އިޞްލާޙުގެ ސަބަބުން، އިންތިޚާބީ މަޤާމުތަކުގައި މި ދެ ފަރާތުގެ ބައިވެރިވުން ދަށްވެފައި އޮތްކަން ނިމުމަކަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ޒުވާނުންނާއި އަންހެނުންގެ ސިޔާސީ ބައިވެރިވުން ވަރުގަދަކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކެވެ.

އެމަނިކުފާނު ވިދާޅުވީ ޤާނޫނީ ނިޒާމުގެ ތެރެއިން ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ފުރުޞަތުތައް ލިބިފައި ވީނަމަވެސް، އިންތިޚާބުތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އަދިވެސް ދަށްކަމަށެވެ. މި ދެ ގިންތިއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކެންޑިޑޭޓުން ވާދަކުރި ނަމަވެސް، ވޯޓު ކާމިޔާބުކުރެވެނީ މަދު ބައެއްކަން ފާހަގަކުރައްވައި، މިކަން ބަދަލުކުރުމަށްޓަކައި އިޞްލާޙެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ޒުވާނުންނަށާއި އަންހެނުންނަށް ރައްޔިތުންގެ މަޖިލީހުން ވަކި ނިސްބަތަކުން ގޮނޑިތަކެއް ޚާއްޞަކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙެއް ހުށަހަޅުއްވާނެ ކަމަށެވެ.

މި ހުށަހެޅުއްވުމަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޤާނޫނުގައި ހަމަހަމަ ފުރުޞަތުތައް ލިޔެވިފައި އޮތްނަމަވެސް، އިންތިޚާބުތަކުގެ ނަތީޖާއިން ދައްކުވައިދެނީ އެއާ ޚިލާފު މަންޒަރެއް ކަމަށެވެ.

"ޤާނޫނުގެ ދަށުން ހުރިހާ އެންމެންނަށްވެސް ހަމަހަމަ ފުރުޞަތުތައް ލިބިފައި އޮތްކަން ޙަޤީޤަތެއް. ޒުވާނުންނަށާއި އަންހެނުންނަށް އިންތިޚާބުތަކުގައި ވާދަކުރެވޭ. ނަމަވެސް ވޯޓު ހޯދުމުގައި މި ދެ ފަރާތްވެސް އަދިވެސް ފަހަތުގައި. ވަރަށް މަދު އަންހެނަކު މެންބަރުކަމަށް ހޮވެނީ، މިކަން ބަދަލުވާން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕާޓީ ނިޒާމުގެ ތެރެއިން އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާފައިވީ ނަމަވެސް، ޙަޤީޤީ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގައި ކޯޓާ ނިޒާމެއް ޤާއިމުކޮށްގެންކަމަށެވެ.

ހަމައެއާއެކު، ޒުވާނުންނަށް ޤައުމީ ކަންކަމުގައި ޙަޤީޤީ އަޑެއް އޮންނަން ޖެހޭކަމަށާއި، ޤައުމު ހިންގުމުގައި ޒުވާނުންގެ ބައިވެރިވުން ހަރުދަނާވާން ޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޒުވާނުންގެ މަޖިލިސް އުފެއްދެވުމުގެ މަޤްޞަދަކީވެސް އެ ފުރުޞަތު ފަހިކޮށްދިނުންކަން ފާހަގަކުރައްވައި، އެއީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންމެ ވަރުގަދަ އެއް ޕްލެޓްފޯމުކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ޒުވާނުންގެ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަވަން އެމަނިކުފާނު ވިސްނަވާ ކަމަށާއި، މީގެ ސަބަބުން 93 ދާއިރާ ތަމްސީލުކުރާ ޒުވާން ފަރާތްތަކަށް ޤައުމީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް އެހީވެދޭނެ ޚިޔާލުތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.