ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (އެމްއެލްއީ) މެދުވެރިކޮށް ވައިގެ މަގުން ފްރާންސްގެ ލީލްއަށް ފޮނުވި ފުރަތަމަ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާ އެކު ފޮނުވައިލައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއީ ދެކުނުއިރުމަތީ އޭޝިއާގެ އާ ބާޒާރުތަކަށް ވެލާނާ އެއަރޕޯޓުގެ ސީ-ޓު-އެއަރ ޚިދުމަތް ފުޅާވަމުންދާ ކަން ދައްކުވައިދޭ ފާހަގަކޮށްލެވޭ ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން މި ޚިދުމަތް ބޭނުންކުރަމުން އައީ ބޮޑަށް ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާގެ މުދާ ޔޫރަޕަށް ފޮނުވުމަށެވެ. ކެމްބޯޑިއާގެ ޝިޕްމަންޓާ އެކު އެ ދާއިރާ އިތުރަށް ފުޅާވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށް ވުރެ އަގުހެޔޮ، އަދި ކަނޑު މަގުން އެކަނި ފޮނުވުމަށް ވުރެ އަވަސް ޚިދުމަތެކެވެ. އެހެންކަމުން ވަކި މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދޭން ޖެހޭ މުދަލަށް މިއީ އެންމެ އެކަށީގެންވާ ހައްލެއް ކަމަށް އެމްއޭސީއެލް އިން ސިފަކުރެއެވެ.
މި ކާމިޔާބީއާ އެކު، އޭޝިއާ އާއި ޔޫރަޕާއި ދުނިޔޭގެ އެހެން ބާޒާރުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ