ސްކޭމްގެ މަޅިއަށް ސަމާލުވެ، އިންސާނީ ކަރާމާތް ރައްކާތެރިކުރައްވާ: ރައީސް

ސްކޭމްގެ މަޅިއަށް ސަމާލުވެ، އިންސާނީ ކަރާމާތް ރައްކާތެރިކުރައްވާ: ރައީސް

Author
އަހުމަދު
30 ޖުލައި 2026 11:37
0

އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހުގައި، މި ނުރައްކާތެރި ކުށަށް މުޅި މުޖުތަމައު ސަމާލުވުމަށާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ގައުމުގެ އިގްތިސާދީ ކުރިއެރުމާއި، ޑިޖިޓަލް ފަންނިއްޔާތުގެ ތަރައްގީއާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނުންނަށް ދޭ އަނިޔާތަކުން މަންފާ ހޯދުމުގެ ފުރުސަތު ދޫކޮށްލެވެން ނެތް ކަމަށެވެ. އެހެންވެ، ޖަމިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ސަމާލުވެ ތިބުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މި އަހަރުގެ ޝިއާރު "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އަށް އިޝާރާތްކުރައްވައި ރައީސް ފާހަގަކުރެއްވީ، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތު ބޭނުންކޮށްގެން އިންސާނީ ވަގުފާރީގެ ސިފަ ބަދަލުވަމުންދާ ކަމެވެ. މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ މި ގޮންޖެހުމުގެ ސަބަބުން، ނާޒުކު ހާލަތުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، ކުށްތަކަށް އަރައިގަންނަން މަޖުބޫރުވާ ހާލަތަށް ދާ ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ ބިދޭސީ މަސައްކަތްތެރިންނާއި ބައިނަލްއަގުވާމީ ބައިވެރިވުމުގެ މައްޗަށް އިގްތިސާދު ބިނާވެފައިވާ ގައުމަކަށްވުމުން، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެ ވެސް ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި މަސައްކަތުގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ސައްހަނޫން ވާކް ޕާމިޓްގެ މައްސަލަ ހައްލުކުރުމަށާއި ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ފުރަތަމަ ގައުމީ އެކްޝަން ޕްލޭން އެކުލަވައިލައި، ރާއްޖޭގައި މި މަސައްކަތުގެ ފުރަތަމަ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރެއްވި އެވެ. ސިޔާސަތު ފެންވަރުގައި ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީވުމަށް މައިގްރެންޓް ވާކާސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ވަނީ ގާއިމުކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ މަގުސަދަކީ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމާއި، ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުއައްސަސާތައް ގާބިލްކުރުވުމެވެ. މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިން ސްޓްރެޓީޖިކް ޕްލޭން 2026-2029 އަކީ، އަނިޔާ ލިބޭ ފަރާތްތައް ދެނެގަނެ ރައްކާތެރިކަން ދިނުމުގެ އިތުރުން، ތަހުގީގާއި ދައުވާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ލިބުނު ސާފު މަގުޗާޓެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ނަމަވެސް، މިހާތަނަށް ލިބުނު ކުރިއެރުންތަކާ އެކުވެސް ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވައި، މި ކަމަށް ބޭނުންވަނީ ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މުއައްސަސާތަކުން އެއް އަޑަކުން ވާހަކަދައްކައި، ތަރައްގީއާއެކު އަދުލުއިންސާފު ގާއިމުވެ، ކޮންމެ މީހަކާ ވެސް އިހްތިރާމާއެކު މުއާމަލާތްކުރެވޭ ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޒުމް އާކުރުމަށް ގޮވާލައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.