ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދީ މި ސަރުކާރުން: ރައީސް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދީ މި ސަރުކާރުން: ރައީސް

Author
އަހުމަދު
29 ޖުލައި 2026 10:42
0

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް މި ވާހަކަފުޅު ދެއްކެވީ، ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކޮށް ހުޅުވި ސަރަޙައްދުގެ މިލްކުވެރިކަމާމެދު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ވިދާޅުވީ އެ މަޝްރޫޢަކީ ސީދާ މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމަވައި، މި ސަރުކާރުން ފައިސާ ހަމަޖައްސައިގެން ހިންގަމުންދާ މަޝްރޫޢެއްކަމަށެވެ. މިކަހަލަ ކަންކަމުން ސިޔާސީ މަންފާ ހޯދުމަށްވުރެ ބޮޑަށް، ރައްޔިތުންނަށް ލިބޭ މަންފާ އިސްކޮށް، ދެވޭ ޚިދުމަތް ބަލައިގަނެ މަރުޙަބާ ކިޔުމަކީ ކުރަންޖެހޭ ކަމެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބާކީ ބައި، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި، މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް ރައީސް ވިދާޅުވިއެވެ. މި މަގު ތަރައްޤީވެ ނިމުމުން، ކޮޅަކަށް ދެ ލޭން އޮންނަ މަގަކަށްވެ، މާލޭގެ އެތެރޭގެ މަގުތަކުގައި ޓްރެފިކަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"މަގުހެދުމަކީ ތަރައްޤީ ހާސިލްކުރުމުގައި ވަރަށް މުހިއްމު ބައެއް. ދަތުރުފަތުރުގެ ނިޒާމަކީ އެންމެ ފުރަތަމަ ކުރެވޭ އެއްކަންތައް. ތަރައްޤީގެ މަގަކީ މަގު ހެދުންކަމަށްވެސް ވެދާނެ. އެހެންވެ މި ބަލަނީ މާލޭގައިވެސް އަދި ރަށްރަށުގައިވެސް ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ރުއްޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެކަމަށާއި، ލޯންޗްފަހަރު ލަފާ ފުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން ކުދި ޖެޓީތަކެއް ތަރައްޤީކުރައްވާނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި މަގު ތަރައްޤީކޮށްފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައި، 4 ލޭނަށް މަގު ފުޅާކޮށް، ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ޤާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.