ސަބަބެއް ނާންގައި ދެ ހަފުތާ ވަންދެން މެދުކަނޑައިލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވައިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބޭއްވިފައި ނުވާއިރު، އެ މުއްދަތުގައި އެއްވެސް ކޮމިޓީ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން މި ހިނގާ ދެވަނަ ދައުރުގެ ޖަލްސާތައް ފެށެނީ ޖޫން މަހުއެވެ. އަދި ދައުރު ދެމިގެންދާނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ކުރީގެ ދައުރުތަކެކޭ އެއްފަދައިން މި ދައުރު ދަންމައިލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ޖަލްސާތައް ގަވައިދުން ނުބޭއްވުމުގެ އިތުރުން، ފަށާތާ ފަސް ވަރަކަށް މިނެޓު ތެރޭގައި ކޮމިޓީ ބައްދަލުވުންތައް ނިންމައިލުމާއި، ގަޑި ޖެހުމާއެކު ބައްދަލުވުންތައް ކެންސަލްކުރުން ފަދަ ކަންކަމަކީ އަބަދު ވެސް މެންބަރުންނަށް އާންމުންގެ ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބުތަކެވެ. ބިލުތަކަށް ބަހުސްކުރާ ފެންވަރާ މެދު ވެސް އާންމުންގެ ޝަކުވާތައް ބޮޑެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް، ބޮޑު މުސާރައަކާއި ގިނަ އިނާޔަތްތަކެއް ލިބޭ މަޖިލިސް މެންބަރުން، އެއާ އެއްވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާއަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ކޮމެންޓު ފޮނުވާ