ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފުރިހަމަކޮށް ޙައްޤުވެރިންނާ ހަވާލުކުރާނަން: ރައީސް

ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފުރިހަމަކޮށް ޙައްޤުވެރިންނާ ހަވާލުކުރާނަން: ރައީސް

Author
އަހުމަދު
26 ޖުލައި 2026 07:51
0

ރިޔާސީ ދައުރުގެ ފަސް އަހަރު ހަމަވުމުގެ ކުރިން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ނިންމައި، ޙައްޤުވެރި ރައްޔިތުންނާ ތަންތަން ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރެއްގެ ދައުރު ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ޢަމަލީ ގޮތުން ނިންމައި ރައްޔިތުންނާ ހަވާލުކުރެއްވުމަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޙާޞިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިއެއް ކަމަށެވެ. އެކަން ޙާޞިލުވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯއްޗާއި މާލެ ސަރަޙައްދުން 7،800 ފްލެޓު ދޫކުރުމަށް ރާވާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ މަހުގެ 15 ވަނަ ދުވަހަށް ހަމަވެފައިވާއިރު، ޙައްޤުވެރި ފަރާތްތަކުގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން ޢިއުލާނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ދޫކޮށްފައި ހުރި ގޯތިތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ގޯއްޗެއް މިހާރު ޙައްޤުވެރިންނާ ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުގެ ގޯތިތައް ހަވާލުކުރުމުގެ ތައްޔާރީތައް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ތެރޭ ނިމޭނެ ކަމަށާއި، ރަސްމާލެ ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ފުރިހަމަވާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން ފެށި ފަހި ފްލެޓް މަޝްރޫޢު، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ނިމިފައި އޮތީ އެންމެ 25 އިންސައްތަ ކަމަށާއި، ނަމަވެސް މިހާރު އެ މަޝްރޫޢު ނިންމައި ޙައްޤުވެރިންނާ ތަންތަން ހަވާލުކުރަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދޭން ނިންމާފައިވާ ފްލެޓުތަކުގެ ޢަމަލީ މަސައްކަތް މި ނިމެމުންދާ މަހު ފަށާނެ ކަމަށް ރައީސް ކުރިން ވެސް ވިދާޅުވެފައިވެއެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަކީ ވަކިން ޚާއްޞަކޮށް މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮންޖެހުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.