ބޭހުގެ ދަތިކަމަކީ ބަޔަކު ގަސްތުގައި އުފެއްދި މައްސަލައެއް، ދެތިން މަހުން ހައްލުކުރާނަން: ރައީސް

ބޭހުގެ ދަތިކަމަކީ ބަޔަކު ގަސްތުގައި އުފެއްދި މައްސަލައެއް، ދެތިން މަހުން ހައްލުކުރާނަން: ރައީސް

Author
އަހުމަދު
26 ޖުލައި 2026 07:49
0

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަކީ ސަރުކާރުގެ ސިޔާސަތަށް ބަދަލުހިފުމުގެ ގޮތުން ބަޔަކު ގަސްތުގައި އުފެއްދި ދަތިކަމެއް ކަމަށާއި، ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މި މައްސަލައަށް ފުރިހަމަ ހައްލެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބޭސް އެތެރެކުރާ ބައެއް އަމިއްލަ ކުންފުނިތަކުން 2،000 ޕަސެންޓާ ހަމަޔަށް ފައިދާ ނަގައިގެން ބޭސް ވިއްކަމުން ދިޔަ ކަމަށާއި، އެ ބޭސްތައް ގަތުމަށް އާސަންދައިން ކޮންމެ އަހަރަކު ބޮޑު އަދަދެއް ހޭދަވަމުން ދިޔަ ކަމަށެވެ.

މި ހާލަތު ބަދަލުކުރުމުގެ ގޮތުން، އާސަންދައިން ބޭސް ގަންނާނެ އެންމެ މަތީ އަގު ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ސަބަބުން، ކޮންމެ އަހަރަކު ރައްޔިތުންގެ ފައިސާއިން 500 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ސަލާމަތްކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މި ވޭސްޓޭޖު، މި ލީކޭޖު ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ނިމުމަކަށް ގެނައީ. 500 އެތައް މިލިއަން ރުފިޔާއެއް އޭގެ ސަބަބުން ސަލާމަތް ކުރެވޭ ކޮންމެ އަހަރަކު. އޭގެ ރިޕަކަޝެނެއްގެ ގޮތުން ގަސްތުގައި ރައްޔިތުންނަށް ހާލުގައި ޖެއްސުމަށް ބައެއް ފަރާތްތަކުން ކުރަމުން ދިޔަ ކަންތައްތަކުން ބޭހުގެ ދަތިކަން އައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޭހުގެ ދާއިރާގައި މާފިއާއެއް އޮވެއެވެ. އަދި އާސަންދައިން ބޭކާރުވަމުން ދިޔަ ފައިސާ ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ދޭތެރޭ ބަދަލުހިފުމުގެ ގޮތުން، ބޭހުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބޭހުގެ ސަޕްލައި ދަތިކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން "ސްޓޭޓް ފާމާ"ގެ ނަމުގައި ކުންފުންޏެއް ވަނީ އުފައްދާފައެވެ. އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ބޭހުގެ ދަތިކަން އެއްކޮށް ފިލައިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.