މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މި އިއްޒަތް އެރުވި ބޭފުޅުންނަކީ މއ. ކިނބި، ޑރ. މުހައްމަދު ލަތީފާއި، ހ. މީރުބަހުރުގެއާގެ، އިބްރާހިމް ރަޝީދު މޫސާ އާއި މއ. ޗަމްޕާވިލާ، ޗަމްޕާ ހުސައިން އަފީފް އަދި މއ. ޗަމްޕާމާގެ، މުހައްމަދު މޫސާ އެވެ.
ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ޑރ. މުހައްމަދު ލަތީފަށް މި އިއްޒަތް އެރުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، މަތީ ތައުލީމީ ދާއިރާ ފުޅާކުރެއްވުމަށާއި، ގަވަނަންސްގެ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ކުރައްވާފައިވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ. މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ކަމުގެ އިތުރުން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.
އިބްރާހިމް ރަޝީދު މޫސާ ފާހަގަކުރެވިފައި ވަނީ އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރެއްވުމާއި، ދީނީ އިލްމު އުނގަންނަވައި ދެއްވުމުގައި، އަދި ދީނީ ފޮތްތައް އެކުލަވާލެއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އަރަބި އިސްލާމީ ތައުލީމު ދިނުމަށްޓަކައި ރާއްޖޭގައި އުފެއްދި މައުހަދުގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފަ އެވެ.
ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗަމްޕާ ހުސައިން އަފީފާއި މުހައްމަދު މޫސާއަކީ މީގެ ކުރިން ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ވެސް ހާސިލްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންނަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދެމެހެއްޓުމަށާއި، އިޖްތިމާއީ ދާއިރާއާއި ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ