ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައެއްގެ "ގޮނޑިކޮއްކޮ"ގެ ގޮތުގައި ގެންގުޅުނު ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، އެއީ ގައުމަށް އެއްވެސް ހެވެއް ލިބޭނެ ގޮތެއް ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތު ވަރަށް ސާފުކަމަށާއި، އެ ސިޔާސަތު އިނގިރޭސި ބަހުން ކުރުކޮށް ބަޔާންކުރާ ނަމަ ދަންނަވާނީ "މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ" ކަމަށެވެ.
"އެހެން ބައެއްގެ އަތްދަށުގަ ނުވަތަ އެބައެއްގެ ބާރުގެ ދަށުގަ ރާއްޖޭގެ ޚާރިޖީ މިނިވަންކަން ގެންގުޅެފައިވާ ދުވަސްތަކެއް ވެސް ގޮއްސަ އެބަހުރި. އާދައިގެ ބަހަކުން ދަންނަވާ ކަމަށްވަންޏާ، ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތު. އެއީ މި ގައުމަކަށް ހެޔޮ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަށް އިސްކަން ލިބޭ، ރާއްޖެއަށް ރަނގަޅު ގޮތް މެދުވެރިވާނެ ސިޔާސަތަކާއެކު، ދިވެހިންނާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކޮންމެ ފަރާތަކާ އެކުގައި މަސައްކަތްކުރުމަކީ މި ސަރުކާރުގެ އަމާޒެވެ. އެ މަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަޚުރުވެރި ދިވެހިންގެ ރާއްޖެ ކަމަށާއި، މި ގައުމުގައި އިސްކުރަން ޖެހޭނީ ދިވެހިން ކަމަށެވެ.
މީގެ އިތުރުން، "މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ"ގެ ދަށުން އިޒްރޭލް ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކާ ރާއްޖެއިން ޚާރިޖީ ގުޅުން ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ދިވެހި ގައުމުން ބަލައިނުގަންނަ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުސްލިމް އަޚުންނާއި އުޚުތުންގެ ހިތްތަކުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ޖިހާދާ ކަމަށެވެ.
އެ އަނިޔާވެރިކަން ފަލަސްތީނުގައި ހިނގަމުންދާހާ ހިނދަކު، އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރަމުންދާހާ ހިނދަކު، އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ޚާރިޖީ ގުޅުމެއް ނުބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ވިންދާއި އިޙްސާސްތަކާ އެއްގޮތަށް، އިޒްރޭލް ޕާސްޕޯޓުގައި އެއްވެސް ފަތުރުވެރިއަކަށް ރާއްޖެ އައުމުގެ ހުއްދަ ނުދޭނެ ކަމަށާއި، އެ ނިންމުން އެގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ