ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސް މުޢިއްޒާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު މަޝްވަރާކުރައްވައިފި

ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސް މުޢިއްޒާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު މަޝްވަރާކުރައްވައިފި

Author
އަހުމަދު
26 ޖުލައި 2026 12:06
0

ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ވަޑައިގެންނެވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށެވެ. މި މަހުގެ 27 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް، ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމާއި، ގިނަ ޤައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކުގެ އިތުރުން ފަރުދީ ފެންވަރުގައި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް އެއްބާރުލުންދެވިދާނޭ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާތައް ބިނާވާނީ ދެ ޤައުމުގެ ޒަމާންވީ ގާތް އެކުވެރި ގުޅުން ހަރުދަނާކުރުމަށާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށާއި، މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.