ބޭސް ރަޖިސްޓްރީކުރުމުގައި ދޮގު މައުލޫމާތު ދޭ ފަރާތްތައް ބްލެކްލިސްޓުކުރުމުގެ ބާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލިބިދޭ ގޮތަށް، ބޭހާ ބެހޭ އައު ގަވާއިދު މިއަދު އާންމުކޮށްފި އެވެ.
އެމްއެފްޑީއޭއިން އާންމުކުރި މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު އާންމުކުރާތާ 90 ދުވަސް ފަހުން، އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. ޑޮކްޓަރީ ބޭހާއި ދިވެހި ބޭހާއި ބޭހުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކާއި ދަރަޖަތައް ބަޔާންކުރާ މި ގަވާއިދުގެ ދަށުން، އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އެބޭސްތަކުގެ ރަޖިސްޓްރީއެއް އެކުލަވައިލަން ޖެހޭނެ އެވެ. އެއީ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުގެ ކުރިންނެވެ.
އެ ރަޖިސްޓްރީ އަހަރަކު އެއް ފަހަރު މަދުވެގެން މުރާޖައާ ކުރަން ޖެހޭނެ ކަމަށާއި، ރަޖިސްޓްރީއަށް ބަދަލެއް އަތުވެއްޖެ ނަމަ، ބަދަލު ގެނައި ތާރީޚު އެނގޭ ގޮތަށް އަދާހަމަކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. ބޭސް ރަޖިސްޓްރީކުރާއިރު ބޭސް އެތެރެކުރާ ފަރާތުގެ ނުވަތަ ކުންފުނީގެ ނަމާއި، ބޭސް އުފެއްދި ކުންފުނީގެ މައުލޫމާތާއި، ބޭހުގެ ޓެކްނިކަލް މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ. ބޭސް ރަޖިސްޓްރީ ކުރެވޭނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި، ރަޖިސްޓްރީ އައުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހުށަހެޅުމަކީ ބޭސް ރަޖިސްޓްރީ ކުރި ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންނަމަވެސް، ބޭސް ފަރުވާއަށް ކޮންމެހެން ބޭނުންވާ، އަދި އެ ބޭހަކާ ނުލައި ފަރުވާ ނުކުރެވޭ ބޭހަކީ ރަޖިސްޓްރީ ނުކުރާ ބޭހެއް ކަމުގައި ވިޔަސް، ފާމަސޫޓިކަލް ބޯޑުގެ ލަފައާ އެކު އިވެލުއޭޓު ކުރުމަށްފަހު އެ ބޭހެއް އެތެރެކުރެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ. ސައްހަ ބޭސް ސިޓީއަކާ އެކު، އަމިއްލަ ބޭނުމަށް ތިން މަހުގެ ޑޯޒަށް ވާ ވަރަށް ބޭސް އެތެރެ ކުރެވޭނެ ކަމަށާއި، ޚާއްސަ ހާލަތްތަކުގައި، ގިނަވެގެން ހަ މަހަށް ވާ ވަރަށް ބޭސް އެތެރެ ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ބޭސް އުފައްދައި ޕެކްކުރަން ޖެހޭނީ އެމްއެފްޑީއޭގެ ހުއްދަ ލިބިގެން، ގުޑް މެނުފެކްޗަރިން ޕްރެކްޓިސްގެ މިންގަނޑާ އެއްގޮތަށް ކަމަށާއި، އެމްއެފްޑީއޭއިން ބޭހެއްގެ ގޮތުގައި ގިންތިކޮށް، ރެގިއުލޭޓު ކުރާ ބޭހުގެ ބާވަތްތައް އާންމު ފިހާރަތަކުގައި ވިއްކުން މި ގަވާއިދުގެ ދަށުން މަނާވާނެ އެވެ. މީގެ އިތުރުން، އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި، ގަޑުބަޑުކޮށްފައި ނުވަތަ ގަޑުބަޑުވެފައި ހުންނަ ބޭހާއި، ތަޣައްޔަރުވެފައިވާ ތަންތަނުގައި ތައްޔާރުކުރާ ބޭހާއި، ކައުންޓަފީޓް ބޭހާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން މަނާކޮށްފައިވާ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، އިޝްތިހާރުކޮށް ވިއްކުން މަނާވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.
ރަޖިސްޓްރީ ނުކޮށް ފާމަސީ ހިންގުމާއި، އެމްއެފްޑީއޭގެ ހުއްދަ ނެތި ބޭސް އެތެރެކޮށް، ގުދަންކޮށް، ވިއްކުން ވެސް މި ގަވާއިދުގެ ދަށުން މަނާވެ އެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ނަސޭހަތް ދިނުމާއި، ކަން އިސްލާހުކުރުމަށް މުއްދަތެއް ދިނުމާއި، 10،000 ރުފިޔާއިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ދޫކޮށްފައިވާ ހުއްދަ ދެ ހަފުތާއިން ފެށިގެން އެއް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަގުތީ ގޮތުން ހިފެހެއްޓުމާއި، ހުއްދަ އެއްކޮށް ބާތިލުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ބޭހާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދީފި ނަމަ، ބޭސް އެތެރެކުރާ ފަރާތް ބްލެކްލިސްޓު ކުރުމުގެ ބާރު ވެސް މި ގަވާއިދުގެ ދަށުން އެމްއެފްޑީއޭ އަށް ލިބިގެންވެ އެވެ.
ކޮމެންޓު ފޮނުވާ