ޓާމު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ: މެޓް

ޓާމު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ: މެޓް

Author
އަހުމަދު
25 ޖުލައި 2026 07:37
0

ސްކޫލު ޓާމު ބަންދު ނިމުމަކާ ގާތްވެފައި ވަނިކޮށް، މި މަހުގެ 28 އިން 31 އަށް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓު އޮފީހުގެ އޮފިޝަލަކު 'ސަން’އަށް މިއަދު ވިދާޅުވީ ޓާމު ބަންދު ނިމޭ ދުވަސްވަރު މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް ވިއްސާރަކޮށް، ވައިވެސް ގަދަވާނެ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، ޗުއްޓީ ނިންމައިފައި އެނބުރި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބޮޑަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

"ވިއްސާރަކޮށް ދައްކާ އެބަ މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް، ވައި ވެސް ގަދަ، ދެން ތަންކޮޅެއް ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވޭ، އެހެންވީމާ ޗުއްޓީ ނިންމައިފައި ވަޑައިގަންނަވާ ބޭފުޅުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭ،" އޮފިޝަލު ވިދާޅުވިއެވެ.

އެ އިދާރާއިން ބުނި ގޮތުގައި، މާދަމާއާއި ހޯމަ ދުވަހު އެކި ރަށްރަށަށް ކުޑަކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ދެ ދުވަހު ކަނޑުތައް ހުންނާނީ އާދައިގެ ވަރަކަށް މަޑުކޮށެވެ. ނަމަވެސް އޭގެ ފަހުން ޖެހިޖެހިގެން ހަތަރު ދުވަހަށް މޫސުން ގޯސްވެ، ކަނޑުދަތުރުފަތުރަށް ދަތިވާ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހިތާމަވެރި އެތައް ހާދިސާއެއް މީގެ ކުރިންވެސް ރާއްޖޭގައި ހިނގައިފައި ވެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ދުރާލައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި، ދަތުރު ފެށުމުގެ ކުރިން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.