ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

Author
އަހުމަދު
25 ޖުލައި 2026 07:36
0

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށް ޑރ. ޚަލީލުއްރަޙްމާން ރާއްޖެ ވަޑައިގަތީ ތިން ދުވަހުގެ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅު ކުރިއަށްދާނީ ޖުލައި 25 އިން 27 ގެ ނިޔަލަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.

ރާއްޖޭގައި ހޭދަކުރައްވާ ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ރަސްމީ ބައްދަލުކުރެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ޤައުމުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ޚިޔާލު ބަދަލުކުރައްވާނެއެވެ.

ޑރ. ޚަލީލުއްރަޙްމާން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ އެ މަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.