އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ގްރޫޕު ކަމުގައިވާ އަދާނީ ގްރޫޕުން އަމިއްލަ އެއާލައިނެއް އުފައްދަން ވިސްނަމުންދާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފި އެވެ.
ބިލިއަނަރު ގޯތަމް އަދާނީގެ ގްރޫޕުން މިފަދަ ފިޔަވަޅެއް އަޅައިފި ނަމަ، މިވަގުތު އިންޑިގޯ އާއި އެއާ އިންޑިއާގެ ބާރު ހިނގާ އިންޑިއާގެ އޭވިއޭޝަން މާކެޓަށް ވާދަވެރި އާ ކުޅުންތެރިއަކު އިތުރުވެގެންދާނެ އެވެ. މިއީ ކުރިން އެއާލައިން ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނެތް ކަމަށް ބުނަމުން އައި ގްރޫޕުގެ ސްޓްރެޓެޖީ އަށް އަންނާނެ ބޮޑު ބަދަލެއް ވެސް މެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ މަސްދަރަކުން ބުނި ގޮތުގައި، މި މަޝްވަރާތައް އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ. އެއާލައިން ވިޔަފާރިއަކީ ފައިދާ ހޯދަން އުނދަގޫ އަދި ރިސްކު ބޮޑު ދާއިރާއަކަށް ވުމުން، މިކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަދާނީ ގްރޫޕަކީ މިހާރު ވެސް އިންޑިއާގައި 8 އެއާޕޯޓެއް އޮޕަރޭޓްކުރާ، އަދި 11 ބިލިއަން ޑޮލަރުގެ ބިޔަ ފުޅާކުރުމުގެ ޕްލޭނެއް ގެންގުޅޭ ގްރޫޕެކެވެ. އޭގެ ތެރޭގައި މުމްބާއީގެ ދެ އެއާޕޯޓު ވެސް ހިމެނެ އެވެ. މި ހަބަރާ ގުޅިގެން ބުރާސްފަތި ދުވަހު އަދާނީ އެންޓަޕްރައިޒަސްގެ ހިއްސާގެ އަގު ވަނީ 3 އިންސައްތަ ދަށަށް ގޮސްފަ އެވެ.
މިއަހަރު ސަރުކާރުން ވެސް އަންނަނީ އަދާނީ ފަދަ ބޮޑެތި ވިޔަފާރި ގްރޫޕުތަކަށް އާ އެއާލައިނެއް ފެށުމަށް ހިތްވަރުދެމުންނެވެ. މިއީ މިދިޔަ އަހަރު އަހުމަދާބާދުގައި އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއަށްފަހު، އަދި ޑިސެމްބަރު މަހު އިންޑިގޯއަށް ދިމާވި އޮޕަރޭޝަނަލް މައްސަލަތަކާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ ޕަސެންޖަރުންނަށް ދިމާވި ދަތިތަކާ ގުޅިގެން ގެންނަން މަސައްކަތްކުރާ ބަދަލެކެވެ.
ގާތްގަނޑަކަށް 89 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކު އޭޝިއާގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާ ކަމުގައިވާ އަދާނީ އަށް، އޭވިއޭޝަން ދާއިރާއަށް ވަނުމަކީ ހަޔާތުގައި ނަގާނެ އެންމެ ބޮޑު އެއް ރިސްކަށް ވެގެންދާނެ އެވެ. ވޭތުވެދިޔަ 15 އަހަރު ތެރޭ، ޓެކްސް ބޮޑުވުމާއި ވާދަވެރިކަން ގަދަވުމުގެ ސަބަބުން ކިންގްފިޝާ، ޖެޓް އެއާވޭސް އަދި ގޯ ފަސްޓް ފަދަ އިންޑިއާގެ ބޮޑެތި އެއާލައިންތައް ވަނީ ބަނގުރޫޓުވެފަ އެވެ.
ކޮމެންޓު ފޮނުވާ