ސާހިލްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުން ބޭރުކޮށްލައިފި

ސާހިލްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުން ބޭރުކޮށްލައިފި

Author
އަހުމަދު
24 ޖުލައި 2026 10:19
0

ފުވައްމުލަކު ޒުވާނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ސާހިލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ސާހިލްގެ މައްޗަށް ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދޭހަވާ ގޮތުގައި، މި ދެ ދައުވާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ދައުވާއަކާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެކެވެ.

ސާހިލް މި ދެ މައްސަލަ އިސްތިއުނާފު ކުރުމަށް މި މަހުގެ 23 ވަނަ ދުވަހު ހައި ކޯޓަށް ހުށަހެޅި ނަމަވެސް، ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފަ އެވެ. ހައި ކޯޓުން ބުނި ގޮތުގައި، މައްސަލަ ބަލައި ނުގަނެވުނީ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ޖެހޭ ފަދަ އެކަށީގެންވާ ސަބަބެއް ސާހިލްގެ ފަރާތުން ބަޔާންކޮށްފައި ނުވާތީ އެވެ.

މިއީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ސާހިލް މަސައްކަތްކުރި ދެ ވަނަ ފަހަރެވެ. ކުރީ ފަހަރު ވެސް އޭނާ ހުށަހެޅި އިސްތިއުނާފު ބަލައި ނުގަނެވުނީ ލިޔެކިޔުންތަކުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލެއް ހަމަޖައްސައި ދިން ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭ ކަމަށް ބުނެ، އިތުރު ވަކީލަކު ހަމަޖައްސައި ނުދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފަ އެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހު ޝިއާއު މާލޭގެ ގެއެއްގައި މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި ސާހިލްގެ މައްޗަށް ދައުލަތުން ޖުމްލަ ފަސް ދައުވާއެއް ވަނީ އުފުލާފަ އެވެ. ޝަރީއަތްތައް ސިއްރު ކޮށްގެން ކުރިއަށް ގެންދާތީ ދައުވާތަކުގެ ފުރިހަމަ ތަފްސީލު ރަސްމީކޮށް އާންމުކޮށްފައެއް ނުވެ އެވެ.

ޝިއާއު މަރާލި މައްސަލައިގައި ސާހިލްގެ މައްޗަށް ކުރާ ބާކީ ދައުވާތަކުގެ ޝަރީއަތް ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. ދެން އޮތީ ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާ އެވެ. މިދިޔަ ހަފުތާގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކެންސަލްކުރި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެ މަރުހަލާ ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.