ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ޚިދުމަތް ދިނުމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލާ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން މޭ 14، 2026 ގައި ފާސްކުރި ބިލެއް ނަމަވެސް، އެ ބިލުގައި ހުރި ބައެއް މާއްދާތަކާމެދު ކަންބޮޑުވުންތަކެއް ހުރުމުން، މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވީ މޭ 31 ގަ އެވެ. މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެ ބިލު އިތުރަށް ދިރާސާކުރުމަށްފަހު، ރައީސް ފާހަގަކުރެއްވި އިސްލާހުތަކާއެކު ދެވަނަ ފަހަރަށް ފާސްކުރީ ޖުލައި 14 ގަ އެވެ.
ބިލު އަނބުރާ ފޮނުއްވާލެއްވިއިރު ރައީސް ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމަކީ، ގައިދީންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ފަރާތުން ގުނަވަން ހަދިޔާކުރުމުގެ މައްސަލަ އެވެ. ބަންދުގައި ތިބޭ މީހުންނަކީ މިނިވަންކަން ހަނިވެފައިވާ ބަޔަކަށްވާތީ، މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމުގެ ކުށަށް ކަނޑައަޅާ އަދަބުތައް އިސްލާމީ ޝަރީއަތާ އެއްގޮތަށް، ޤިޞާޞާއި ދިޔަ ހޯދައިދިނުން ހިމެނޭ ގޮތަށް ބަދަލުކުރުމަށްވެސް ރައީސް އިރުޝާދު ދެއްވި އެވެ.
އައު ގާނޫނުގައިވާ ގޮތުން، މީހެއްގެ ރުހުމާ ނުލައި ގުނަވަން ނަގައިފި ނަމަ، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ޤިޞާޞް ހިފުން ނުވަތަ ދިޔަ ހޯދައިދިނުމާއެކު، 250,000 ރުފިޔާ އާއި 500,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައަޅާފައިވެ އެވެ. މިއީ ކުރިން ބިލުގައި ހިމެނިފައި އޮތް އަދަބުތަކަށްވުރެ ބޮޑެތި އަދަބުތަކެކެވެ.
ގާނޫނުގެ ދަށުން، ގުނަވަން ބަދަލުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އެކުލަވާލައްވާނެ އެވެ. އަދި ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ހުއްދަ ދޫކުރާނީ މި ގާނޫނުގެ ދަށުން އުފައްދާ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ. އެ ޚިދުމަތާ ގުޅޭ ހުރިހާ މިންގަނޑުތަކާއި އިޖުރާއަތްތައް ބަޔާންކުރާ ގަވާއިދުތައް ހަދައި ތަންފީޒުކުރަން ޖެހޭނީ އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ފަންނީ ލަފާގެ މަތިންނެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވުމުންނެވެ. އެ މުއްދަތުގެ ތެރޭގައި ގާނޫނަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އިޖުރާއަތްތައް އެކުލަވާލައި ނިންމަންޖެހޭނެ އެވެ.
ކޮމެންޓު ފޮނުވާ