ބަރުދަން ލުއިކުރުމަށް ސާބިތު ނުހިފޭ ތަކެތި ބޭނުންކުރުމުން ދުރުހެލިވާން އެދިއްޖެ

ބަރުދަން ލުއިކުރުމަށް ސާބިތު ނުހިފޭ ތަކެތި ބޭނުންކުރުމުން ދުރުހެލިވާން އެދިއްޖެ

Author
އަހުމަދު
23 ޖުލައި 2026 11:45
0

ބަރުދަން ލުއިކުރުމަށާއި ބަލިތަކުގެ ފަރުވާއެއް ކަމަށް ބުނެ، ސައްޚަކަން ކަށަވަރު ނުވާ މަޢުލޫމާތާއެކު އިޝްތިހާރުކުރާ ކާބޯތަކެއްޗަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، ބަލިތަކަށް ފަރުވާ ލިބޭ ކަމަށް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނުވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރާއްޖޭގައި ބައެއް ކާބޯތަކެތި ދަނީ މާކެޓު ކުރަމުންނެވެ. ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާނުކޮށް، ސާބިތު ނުހިފޭ މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި މާކެޓު ކުރުމަކީ އެ ތަކެތި ބޭނުންކުރާ ފަރާތްތަކުގެ ސިއްޙަތަށް ނޭދެވޭ އަސަރު ފޯރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި، މާބަނޑު އަންހެނުންނާއި، ގާތުން ކިރު ދޭ މައިންނަށް މިފަދަ އުފެއްދުންތަކުގެ ސަބަބުން ލިބިދާނޭ ގެއްލުން ބޮޑުކަން ވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދުގެ ދަށުން، އުފެއްދުމެއް ކުރިއެރުވުމަށް ބޭނުންކުރާ މަޢުލޫމާތު އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ އިޝްތިހާރުކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބެލެވޭނެއެވެ. އެގޮތުން، ސިއްޙަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ބަލިތަކުގެ ފަރުވާއަކަށް ވާނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާ ކަމެއް ކަން އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ޚާއްޞަ ސިފައެއްގެ އެއްޗެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް، ޙަޤީޤަތާ ޚިލާފަށް ނުވަތަ މީހުންނަށް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރުކުރުމަކީ ވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ސާބިތު ނުހިފޭ މަޢުލޫމާތު ހިމެނޭ އުފެއްދުންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްޙަތަކަށްޓަކައި މިންހެޔޮކޮށް ކެއުމާއި، ލޮނާއި ހަކުރު ކެއުމުގައި މަދުކުރުމުގެ އިތުރުން، ގަވާއިދުން ކަސްރަތުކުރުމަށް އެމްއެފްޑީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ. ޢާންމުން މިފަދަ މަޢުލޫމާތުތަކަށް ސަމާލުވުމަކީ ސިއްޙީ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ އޮތޯރިޓީން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.