ފާމަސީތަކުގައި އަސާސީ ބޭސް ހަމަޔަށް ބަހައްޓަން އަންގައިފި

ފާމަސީތަކުގައި އަސާސީ ބޭސް ހަމަޔަށް ބަހައްޓަން އަންގައިފި

Author
އަހުމަދު
22 ޖުލައި 2026 05:10
0

ރާއްޖޭގެ ފާމަސީތަކުގައި ލާޒިމުކޮށް ބަހައްޓަންޖެހޭ އަސާސީ ބޭހުގެ ލިސްޓު އަދާހަމަކޮށް، އެ ލިސްޓާ އެއްގޮތަށް އަމަލުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބެން ހުރުމަކީ ކަށަވަރު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، މުރާޖާ ކުރެވުނު އެ ލިސްޓު މިހާރު ދެ ގްރޭޑަކަށް ބަހާލެވިފައިވާއިރު، ކޮންމެ ފާމަސީއަކުން ވެސް، އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 ޕަސެންޓު ބޭސް ލިބެން ހުންނަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އަދި މިހާރު ހިންގަމުންދާ ފާމަސީތަކުން، އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަށް ކަނޑައެޅިފައިވާ ހުރިހާ ބޭހެއް ލިބެން ހުންނާނެ އިންތިޒާމު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން، އަލަށް ހުޅުވާ ފާމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭސްތައް ހަމަކުރުމުން ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ފާމަސީތައް ގްރޭޑް ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ކޮންމެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ ލިސްޓު "ގައިޑްލައިން އޮން މިނިމަމް ރިކުއާމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާމަސީ" ގައި ހިމަނާފައިވާ ކަމަށާއި، އެ ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓުންނާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލުން ވެސް ލިބެން ހުންނާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ބޭހުގެ އަގުތައް ހެޔޮކޮށް، "މެޑިކަލް މާފިއާ" ހުއްޓުވުމާއި އާސަންދަ އިސްލާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް، ފާމަސީތަކުން ބޭނުންވާ ބޭސް ނުލިބޭ މައްސަލަ ތަކުރާރުކޮށް ފެންމަތިވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.