ދައުލަތުގެ ހަރަދު 35 ބިލިއަނަށް، ލޯނު ދެއްކުމަށް އެކަނި 9 ބިލިއަން!

ދައުލަތުގެ ހަރަދު 35 ބިލިއަނަށް، ލޯނު ދެއްކުމަށް އެކަނި 9 ބިލިއަން!

Author
އަހުމަދު
22 ޖުލައި 2026 10:43
0

ދައުލަތުން މި އަހަރުގެ މިހާތަނަށް 35 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަވެފައި ވަނީ ލޯނުތައް އަނބުރާ ދެއްކުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުގެ އަދަދު ވަނީ 35 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 26.3 ބިލިއަން ރުފިޔާގައި ކަމަށްވާތީ، މިއީ 33 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. މި ޖުމްލަ ހަރަދުގެ ތެރޭގައި ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދާއި، ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި އިންވެސްޓްމަންޓްސް އަދި ލެންޑިންގްސް ހިމެނެ އެވެ.

ފާހަގަކުރެވޭ އެންމެ ބޮޑު ކުރިއެރުމަކީ ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހޭދަ އެވެ. މި އަހަރު މިހާތަނަށް ލޯނުތަކަށް އެކަނި 9.2 ބިލިއަން ރުފިޔާ ހޭދަކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތަކަށް ދައްކާފައި ވަނީ އެންމެ 3.2 ބިލިއަން ރުފިޔާ އެވެ. މާނައަކީ ލޯނު ދެއްކުމަށް ކުރާ ހޭދަ ތިން ގުނަ ކައިރިއަށް ބޮޑުވެފައިވުމެވެ.

ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު އެކުޖެހުމުން މި އަހަރު ހުރީ 24.5 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 20.2 ބިލިއަނާ އަޅާބަލާއިރު 20.9 ޕަސެންޓުގެ އިތުރުވުމެކެވެ. މި ހަރަދުތަކުގެ ތެރެއިން، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް ހޭދަކުރީ 8 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 7.2 ބިލިއަން) އެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު ވަނީ 10.4 ބިލިއަނުން 13.2 ބިލިއަނަށް ބޮޑުވެފަ އެވެ. އަދި ކެޕިޓަލް ހަރަދު ވަނީ 2.5 ބިލިއަނުން 3.1 ބިލިއަނަށް އިތުރުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.