މީގެ އަށް އަހަރު ކުރިން މާލޭގެ އެއް ނަމްބަރު ފާލަން ސަރަހައްދުގައި ވަޅިޖަހާ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި، ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހަމްދޫންގެ ފަރާތުން ހުށަހެޅި މި މައްސަލަ ހައިކޯޓަށް ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އެހެންނަމަވެސް، މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފަށާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ހަމްދޫން މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އާގިލް މަރާލި ކަން ސާބިތުވުމުން، މަރަށް މަރު ހިފުމަށް އާގިލްގެ ވާރިސުން ކަމުގައިވާ އޭނާގެ މަންމަ އާއި ބައްޕަ ބޭނުންވުމުން، އެގޮތުގެ މަތިން ކޯޓުން ހުކުމް އިއްވީއެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަމްދޫނާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށް އުފުލައިފައެވެ. މީގެ އިތުރުން، މި ކުށަށް އެހީތެރިވި ކަމުގެ ދައުވާ ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ވެސް އުފުލިއެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެހެން މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.
ދައުލަތުގެ ދައުވާގައި ބުނެފައިވަނީ 31 އޮގަސްޓު 2018 ދުވަހުގެ ރޭ 19:30 އެހައިކަށްހައިއިރު، ވ. ފުލިދޫން މާލެއަށް ދަތުރުކުރި "ސްކަލް ރައިޑާ" ލޯންޗު އެމްއެމްއޭއާ ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތްކުރި ވަގުތު، އެ ލޯންޗުން ފޭބި ގދ. ފަރެސްމާތޮޑާ، ފަރެސް އަވަށު، ކޮކާ، އާގިލްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށެވެ. ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އެ ރޭ 20:59 އެހައިކަށްހައިއިރު އޭނާ މަރުވިއެވެ.
ޝަރީއަތުގައި ހެކިބަސް ދިން ފުލުހަކު ބުނި ގޮތުގައި ހާދިސާ ހިނގި ރޭ އެމްއެމްއޭ ސަރަހައްދުގައި ހަމްދޫނާއި އިތުރު މީހަކު ހަރަކާތްތެރިވި މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ހުއްޓެވެ. އެގޮތުން، ހަމްދޫންގެ އަތުގައި ވަޅިއެއް އޮވެގެން އާގިލްގެ ފަހަތުން ދުވި މަންޒަރާއި، ވަޅި ޖެހުމާއެކު އާގިލް ވެއްޓުނު މަންޒަރު އެ ފުޓޭޖުތަކުން ފެންނަ ކަމަށް ބުންޏެވެ. އަދި އެއަށްފަހު ސައިކަލެއްގެ ފަހަތަށް އަރައިގެން ވިލިނގިލި ފެރީ ޓާމިނަލާ ދިމާލަށް ހަމްދޫން ދިޔަ ކަމަށް ވެސް ފާހަގަކުރިއެވެ.
ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ވީޑިއޯ އަދި ފޮޓޯތަކުގެ ތެރެއިން ފުރަތަމަ ފުޓޭޖުން ހަމްދޫނާ އެއްގޮތް ފަސް ސިފައެއް ފެންނަ ކަމަށާއި، ސައިކަލުގައި ދިޔަ ވަގުތު ނަގާފައިވާ ދެވަނަ ވީޑިއޯއިން ތިން ސިފައެއް ފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ. ސައިކަލުގެ ފަހަތަށް ހަމްދޫން އަރުވައިގެން ދިޔައީ، މި މައްސަލައިގައި އެހީތެރިވިކަމުގެ ދައުވާ އުފުލި ވިޝާމް ކަން، އޭނާއާ އެއްގޮތް ހަތް ސިފައެއް ފެނުމުން ކަށަވަރުވި ކަމަށްވެސް ބުންޏެވެ. މި ހާދިސާއާ ގުޅިގެން ޖުމްލަ 20 ސީސީޓީވީ ފުޓޭޖެއް ފުލުހުން ބަލައި ދިރާސާ ކުރިއެވެ.
އެމްއެމްއޭ ސަރަހައްދުގައި މަރާލި އާގިލްގެ މަރާއި، އޮޓޯ ގަރާޖު ކައިރީގައި މަރާލި އިސްމާއިލް ޝައްފާންގެ މަރަކީ ބަދަލު ހިފުމުގެ ގޮތުން ހިންގާފައިވާ ދެ މަރު ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ