އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމުގައި އިސްކަންދެނީ އުމްރާނީ އަދި އިންސާނީ ތަރައްޤީއަށް: ޖީ. ބާލަސުބްރަމަނިއަމް

އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމުގައި އިސްކަންދެނީ އުމްރާނީ އަދި އިންސާނީ ތަރައްޤީއަށް: ޖީ. ބާލަސުބްރަމަނިއަމް

Author
އަހުމަދު
21 ޖުލައި 2026 10:06
0

 

އިންޑިއާ އާއި ދިވެހިރާއްޖެއިން އެންމެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި އުމްރާނީ ތަރައްޤީ އާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ހިމެނޭ ކަމަށް، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބާލަސުބްރަމަނިއަމް ވިދާޅުވެއްޖެއެވެ.

42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަށް ސޮއިކުރެވުނު އެއްބަސްވުންތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ހައި ކޮމިޝަނަރ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ތަރައްޤީގެ ބައިވެރިވުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ކަމަށެވެ. ކުޅިވަރާއި މުޖުތަމަޢު ތަރައްޤީގެ ދާއިރާއިން އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވަމުން، ކުޅިވަރު ސާމާނު ފަދަ ހަދިޔާތަކުން ރަށްރަށުގެ މުޖުތަމަޢުތަކުގެ ޞިއްޙަތާއި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުމަށް އެހީތެރިވެދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ބައިލޭޓަރަލް ގުޅުންތައް ފާހަގަކުރައްވަމުން ހައި ކޮމިޝަނަރ ވިދާޅުވީ، މިއަހަރަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރު ނަމަވެސް، ތަރައްޤީގެ ބައިވެރިވުމަކީ އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމުގެ މުޙިއްމު އެއް ތަނބު ކަމަށެވެ. ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިންޑިއާއިން ދޭ އެހީތެރިކަން ފާހަގަކުރައްވަމުން، ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދޭ ކަން ފާހަގަކުރެއްވިއެވެ. އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު 1،600 އަށްވުރެ ގިނަ ދިވެހިންނަށް އިންޑިއާގައި ތަމްރީނު ލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

އުމްރާނީ ތަރައްޤީގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ހައި ކޮމިޝަނަރ ވިދާޅުވީ، އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ ތަރައްޤީގެ މުޙިއްމު ތަނބެއް ކަމަށެވެ. މިގޮތުން އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް، ހަނިމާދޫ އެއަރޕޯޓް މަޝްރޫޢު، ގަން އެއަރޕޯޓް މަޝްރޫޢު، އައްޑޫގެ މަގުތައް ތަރައްޤީކުރުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އަދި އެހެނިހެން ބޮޑެތި މުޖުތަމަޢު ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާތަނަށް އިންޑިއާއިން ދިވެހިރާއްޖޭގައި 56 ބޮޑެތި މުޖުތަމަޢު ތަރައްޤީގެ މަޝްރޫޢު ހިންގާފައިވެއެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން މި މަޝްރޫޢުތައް ކުރިއަށްގެންދާއިރު، މިހާތަނަށް 24 މަޝްރޫޢު ނިންމައި އިފްތިތާޙުކުރެވިފައިވެއެވެ. މި މަޝްރޫޢުތަކުގެ ޖުމުލަ އަގު ގާތްގަނޑަކަށް 23 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.