އޮރިޔާން ފޮޓޯއިން ބިރުދައްކައި ފައިސާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް

އޮރިޔާން ފޮޓޯއިން ބިރުދައްކައި ފައިސާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް

Author
އަހުމަދު
18 ޖުލައި 2026 08:30
0

އޮރިޔާން ފޮޓޯ ހުރިކަމަށް ބުނެ ބިރުދައްކައި، ދިވެހި ފިރިހެނެއްގެ އަތުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލައިގައި ދަށު ދެ ކޯޓުން ދައުލަތާ ދެކޮޅަށް ނިންމުމުން، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ބްލެކްމެއިލްކުރުމުގެ ދައުވާ އުފުލާފައި ވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗަށެވެ. ފުލުހުން މިދިޔަ އަހަރު ފަވާޒް ހައްޔަރުކުރީ، ދިވެހި ފިރިހެނެއްގެ އޮރިޔާން ފޮޓޯ ހުރިކަމަށް ބުނެ އޭނާ ބްލެކްމެއިލްކޮށް، އެކި ދުވަސްމަތިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު 19، 2024 ގައެވެ.

ނަމަވެސް މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުގެ އިބްތިދާއީ މަރުޙަލާގައި ނިންމީ، މަދަނީ މިންގަނޑުން ބެލި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ހައި ކޯޓުން ވެސް ތާއީދުކުރީ ދަށު ކޯޓުގެ ހުކުމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވިއެވެ. މެޖޯރިޓީ ފަނޑިޔާރުން، އިސް ފަނޑިޔާރު އަބްދުﷲ ޖަމީލާއި ފަނޑިޔާރު އިސްމާއިލް ޝަފީއު ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރައުޔު ތަފާތުވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ދެކިވަޑައިގަތީ ދަށު ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭނެ ކަމަށެވެ. މެޖޯރިޓީ ފަނޑިޔާރުންގެ ރައުޔާއެކު، ފަވާޒް ހައި ކޯޓުން ވެސް ސަލާމަތްވިއެވެ.

ދެ ފަހަރު ދައުލަތާ ދެކޮޅަށް ހުކުމް ނުކުތުމުން، ފަހު މަރުޙަލާއަށް މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފުތާގައި ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.