ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ ޔޫއޭއީގެ ދެ ތެޔޮ ބައުޒަރަކަށް އީރާނުން ކްރޫޒް މިސައިލުން ދިން ހަމަލާގައި އިންޑިއާގެ ފަޅުވެރިއަކު މަރުވެ، އިތުރު 8 މީހަކު ޒަޚަމްވެއްޖެއެވެ.
މި ހަމަލާގެ ތަފްސީލުތައް ހާމަކުރަމުން ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަމާޒުވި ދެ ބައުޒަރު ވެސް ހަމަލާ އަރައިގަތްވަގުތު އޮތީ ހޮރްމޫޒް ކަނޑުއޮޅީގެ އޮމާން ފަޅީގައި ކަމަށެވެ. ދިރިހުރި މީހުންގެ ހާލު ސީރިއަސް ކަމަށާއި، ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމަލާ އަމާޒުވި ދެ ބައުޒަރަކީ އަބޫދާބީގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނި، އެޑްނޮކް އެލް އެންޑް އެސްގެ "މޮމްބާސާ ބ" އަދި "އަލް ބައްޔާ" ކަމަށް އެ ކުންފުނިން ވަނީ ޔަގީންކޮށްދީފައެވެ. މި ދެ އުޅަނދަކީ ބޮޑެތި ކްރޫޑް އޮއިލް ކެރިއަރުތަކެކެވެ.
ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ގަލްފުގެ ތެޔޮ ބައިނަލްއަގުވާމީ ބާޒާރަށް ފޯރުކޮށްދިނުމުގައި އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. މި އޮޕަރޭޝަނުގެ ދަށުން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި 800 އަށްވުރެ ގިނަ އުޅަނދާއި 400 މިލިއަން ފީފާއަށްވުރެ ގިނަ ކްރޫޑް އޮއިލް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ބޭރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ބޮޑު ބައެއް ބޭރުކޮށްފައިވަނީ ޔޫއޭއީގެ އެޑްނޮކް ކުންފުނީގެ ބައުޒަރުތަކުގައެވެ.
ހޮރްމޫޒް ކަނޑުއޮޅި ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ދެއްކެވި ވާހަކަތަކަށް އީރާނުން ދިން ރައްދާއެކު ސަރަހައްދުގެ ނުތަނަވަސްކަން އިތުރުވެފައިވަނިކޮށް، މިއަދު ދިން މި ހަމަލާއަކީ ފާއިތުވި ދުވަސްތަކުގައި ޔޫއޭއީގެ އުޅަނދުތަކަށް އީރާނުން ދިން އެންމެ ބޮޑު ހަމަލާއެވެ.
ކޮމެންޓު ފޮނުވާ