ޤަޠަރުގެ ކުރީގެ އަމީރު ޢިއްޒަތްތެރި ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރުގެ އަމީރު ޢިއްޒަތްތެރި ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖުގައި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ފުން ހިތާމަ ފާޅުކުރައްވައި، އެމަނިކުފާނުގެ ޤިޔާދަތަކީ ޤަޠަރު ދުނިޔޭގައި ފާހަގަކުރެވޭ ޤައުމަކަށް ބަދަލުކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޤިޔާދަތެއް ކަމުގައި ސިފަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުރީގެ އަމީރުގެ މިސާލީ ދައުލަތްހިންގެވުމުގެ ހުނަރާއި، ޙިކުމަތްތެރިކަމާއި، އެމަނިކުފާނުގެ ރައްޔިތުންގެ ކުރިއެރުމަށާއި، މުޅި ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ތަރައްޤީއަށް ދެއްވި ގުޑުވައިނުލެވޭ އިލްތިޒާމަކީ، ޖީލުތަކަކަށް ހަނދާނުގައި ދެމިހުންނާނެ ސިފަތަކެއް ކަމަށެވެ. އަދި، ޝައިޚް ޙަމަދުގެ ސުލްޙައާއި، ތަރައްޤީއާއި، ދީލަތިކަމުގެ ތަރިކައަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް ހިތްވަރު ލިއްބައިދޭނެ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އަދި، ދިވެހިރާއްޖެއަށް ޤަޠަރު އެއަރވޭސްގެ ދަތުރުތައް ފެއްޓެވުމާއި، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލާއި، މަސްޖިދު އައްޝައިޚް ޤާސިމް ބިން އައްޘާނީ ފަދަ، މިއަދާ ހަމައަށްވެސް ދިވެހި ރައްޔިތުންނަށް ޚިދުމަތްދެމުންދާ މުހިންމު މުއައްސަސާތައް ޤާއިމުކުރެއްވުން ފަދަ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރީގެ އަމީރު ޒާތީ ގޮތުން ދެއްވި މުހިންމު އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް މުޢިއްޒު ވަނީ، މި ފުން ހިތާމައިގެ ވަގުތުގައި ޢިއްޒަތްތެރި ޝައިޚް ތަމީމަށާއި، ޝާހީ ޢާއިލާއަށާއި، ޤަޠަރު ދައުލަތުގެ ރައްޔިތުންނަށް އެންމެ ފުން ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، ކުރީގެ އަމީރަށް ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރެއްވުމަށާއި، ޢިއްޒަތްތެރި ޝައިޚް ތަމީމަށާއި، ޝާހީ ޢާއިލާއަށް މި ފުން ހިތާމައިގައި ކެތްތެރިކަން ދެއްވުމަށް اللَّه سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް، މި މޭރުމުން މެސެޖެއް ހިއްސާކުރައްވާފައެވެ.
ޤަޠަރުގެ ފާދަރ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވެފައިވަނީ، މިއަދު ހެނދުނު، ޢުމުރުފުޅުން 74 އަހަރުގައެވެ. އެމަނިކުފާނު ވަނީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ޤަޠަރުގެ އަމީރުކަން ކުރައްވާފައެވެ. އަދި، ޤަޠަރު ދުނިޔޭގެ އިޤުތިޞާދީ އަދި ޑިޕްލޮމެޓިކް ބާރަކަށް ބަދަލުކުރި މައި ބާނީ ކަމުގައި އެމަނިކުފާނު ޢާންމުކޮށް ބެލެވެއެވެ.
އެމަނިކުފާނުގެ ވެރިކަމުގައި، ޤަޠަރަށް ބޮޑު އިޤުތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ތަރައްޤީއެއް ލިބި، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޤަޠަރުގެ މަޤާމު ވަރުގަދަކުރެއްވިއެވެ.
އަދި، ބޮޑެތި އިޤުތިޞާދީ އިންވެސްޓްމަންޓުތަކުގެ ބެލެނިވެރިކަން ކުރައްވައި، ޤައުމުގެ ބައިނަލްއަޤުވާމީ ބައިވެރިވުންތައް ފުޅާކުރެއްވިއެވެ. އަދި ހަމައެއާއެކު، ދުނިޔޭގައި އެންމެ ބޮޑަށް ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެކްސްޕޯޓު ކުރާ ޤައުމަކަށް ޤަޠަރު ބަދަލުވުމުގައި، އެމަނިކުފާނު މުހިންމު މަގުފަހިކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ