ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް، ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާދަމާ ފަށާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިފަދަ ދަތުރެއް އައްޑޫން ފަށާ ފުރަތަމަ ފަހަރެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، މި ދަތުރުތައް ބާއްވާނީ މޯލްޑިވިއަންގެ އެއަރބަސް އޭ330 މަރުކާގެ ބޯޓެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިއީ އައްޑޫ ސިޓީގެ އިތުރުން މުޅި ދެކުނުގެ އާބާދީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މިކަން ހަގީގަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ވިސްނުންފުޅަށް ވަޒީރު ޝުކުރު ދެންނެވިއެވެ.
ދެކުނުގެ ރައްޔިތުންނަށް މާލެއަށް ދަތުރުނުކޮށް، އަމިއްލަ ސަރަހައްދުން ސީދާ މުޤައްދަސް ބިމަށް ދެވޭނެ މަގު ފަހިވުމުން، އާއިލާތަކަށް ހޭދަވާ ވަގުތާއި ފައިސާ ބޮޑުތަނުން ސަލާމަތްވެގެންދާނެއެވެ. މީގެ އިތުރުން، ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މިހާރު ވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އަޅުކަމަށް ފުރާ މީހުންނަށް ޚާއްޞަކޮށްގެން އައު ޚިދުމަތްތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.
ޤައުމީ އެއަރލައިނުން އެންމެ ފުރަތަމަ އުމްރާ ދަތުރުތަކެއް ބާއްވާފައި ވަނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކޮށްގެން ކުރި އެ ފުރަތަމަ ދަތުރުގައި ވެސް 750 އަށްވުރެ ގިނަ މީހުން އުމްރާއަށް އުފުލިއިރު، އެ އަހަރުގެ ހައްޖު މޫސުމުގައި ވެސް މޯލްޑިވިއަންގެ ބޯޓުތަކުގައި ދިވެހިންނަށް ސައުދީއަށް ދަތުރުކޮށްދީފައިވެއެވެ. ފަހަކަށް އައިސް ޅަކުދިންނާއި ޒުވާނުން ހިމެނޭހެން މުޅި އާއިލާ އެކުގައި އުމްރާއަށް ދާ މިންވަރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ