އުމުރުން ދުވަސްވީ އާބާދީގެ ކުރިމަގު ބިނާވެފައިވަނީ މިއަދުގެ ޒުވާނުންގެ ސިއްހަތުގެ މައްޗަށް: ރައީސް

އުމުރުން ދުވަސްވީ އާބާދީގެ ކުރިމަގު ބިނާވެފައިވަނީ މިއަދުގެ ޒުވާނުންގެ ސިއްހަތުގެ މައްޗަށް: ރައީސް

Author
އަހުމަދު
11 ޖުލައި 2026 08:07
0

ރާއްޖޭގެ އާބާދީގައި ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު، ކުރިއަށް އޮތް ތަނުގައި ސިއްހީ ނިޒާމު ދެމެހެއްޓޭނީ މިއަދުގެ ޒުވާނުންގެ ދުޅަހެޔޮކަމަށް އިންވެސްޓު ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ޅަ އުމުރުގައި ރަނގަޅު ސިއްހީ އާދަތައް ހަރުލެއްވުމަކީ ދާއިމީ ބަލިތަކުން ދުރުކޮށްދޭ، މުސްކުޅި ޢުމުރުގައި ޖެހޭ ބަލިތައް ވެސް ފަސްކޮށްދޭ ކަމެއް ކަމަށެވެ. މިއާއެކު 'ކެއަރ އިކޮނޮމީ' އަށް އިސްކަން ދިނުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ކަށަވަރުކުރެވި، މިހާރު އާއިލާތަކުގެ، ޚާއްޞަކޮށް އަންހެނުންގެ، ކޮނޑުގައި އެޅިފައިވާ ހިލޭސާބަހަށް މީހުން ބެލުމުގެ ބުރައަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދުވަސްވީ މީހުންނަށް ކަރާމާތާއެކު އުޅުމުގެ ފުރުޞަތު ލިބި، މަސައްކަތްތެރި ބާރުގައި އެ ފަރާތްތަކުގެ ދައުރު ފުޅާވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އާބާދީގައި ބޮޑު ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، 'މޯލްޑިވްސް 2.0′ ގެ ތަޞައްވުރުގެ ދަށުން ޑިޖިޓަލް އިޤުތިޞާދެއް ބިނާކޮށް ޢާންމު ޚިދުމަތްތައް ޒަމާނީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާސަތުތައް އެކަށައެޅުމުގައި ޞައްޙަ ތަފާސްހިސާބުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށު ފެންވަރުގައި މަޢުލޫމާތު އެއްކުރެވޭނެ ހަރުދަނާ އިންތިޒާމުތައް ޤާއިމުކުރައްވައި، ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދާނީ އިދާރީ ރެކޯޑުތަކާއި ޢާންމު ބޯހިމެނުމުގެ އުކުޅުތައް އެއްކޮށްލައިގެން، 'ހައިބްރިޑް' ނިޒާމެއްގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.