ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު މިއަދު އިންޑިއާއަށް ފުރައިފިއެވެ.
މިއީ މި އަހަރުގެ ތެރޭގައި ބޭރު ގައުމަކުން މި ފަރުވާ ހޯދުމަށް ފުރި ފުރަތަމަ ގްރޫޕެވެ. މި ކުދިން ފުރުމުގެ ކުރިން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އިމްތިޔާޒު އައްބާސް އާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ބައިވެރިވިއެވެ. މީގެ އިތުރުން ތެލެސީމިއާ ސެންޓަރުގެ އިސްވެރިންނާއި، ފުރާ ކުދިންގެ އާއިލާތަކުން ވެސް ބައިވެރިވިއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، ޝަރުތު ހަމަވާ ކުދިންގެ ޓްރާންސްޕްލާންޓްގެ ހަރަދު ހަމަޖެއްސުމުގެ ގޮތުން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް މިދިޔަ މަހު ޖަމާކޮށްފައެވެ. މި އެހީ ފޯރުކޮށްދެނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުންނެވެ.
އެ ފަހުމުނާމާ ގާއިމުކުރުމުގެ ކުރިން، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޒަކާތު ފަންޑުން ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި އަހަރު ފަރުވާ ހޯދުމަށް ޖުމުލަ 10 ކުއްޖަކަށް ހުއްދަ ދީފައިވާއިރު، ފުރަތަމަ ބުރުގައި ފުރި ހަ ކުދިންގެ އިތުރުން ބާކީ ތިބި ހަތަރު ކުދިން ފުރުވުމުގެ އިދާރީ ކަންކަން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ