ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން، އެ ޤައުމުގެ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.
ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލާއެކު، މިއަހަރުގެ މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް ދަތުރުކުރާ ކޮންމެ މީހަކުވެސް ޑިޖިޓަލް އެރައިވަލް ކާޑެއް އޮންލައިންކޮށް ފުރަން ވަނީ ލާޒިމުކޮށްފައެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ 3 ދުވަސް ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ޕޯޓަލް މެދުވެރިކޮށް، ދަތުރުގެ ތަފުސީލު ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. އަދި ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފަރމޭޝަންގެ ޑިޖިޓަލް ކޮޕީއެއް، ތައިލެންޑަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
މިއިލްތިމާސް މޯލްޑިވިއަނުން ކޮށްފައި މިވަނީ، ޗުއްޓީއާ ދިމާކޮށް ބެންކޮކަށް ޚާއްސަ ފެއަރއެއްގެ ދަށުން ޓިކެޓު ވިއްކަން ފެށުމާ ގުޅިގެންނެވެ. މި ފެއަރގެ ދަށުން ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 12 އިން އޮގަސްޓް 2 ގެ ނިޔަލަށް، ކޮންމެ އާދިއްތަ ދުވަހަކުއެވެ.
މޯލްޑިވިއަނުން މީގެކުރިންވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބައިނަލްއަޤްވާމީ މަންޒިލްތަކަށް ޚާއްސަ ދަތުރުތައް ބާއްވާފައިވެއެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުވެސް، މެލޭޝިއާގެ ކުއަލަލަމްޕޫރަށާއި ތައިލެންޑުގެ ބެންކޮކަށް އެ އެއާލައިނުން ވަނީ ޚާއްސަ ދަތުރުތަކެއް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ