މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 79.6 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ސީދާ 79,600,886 ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 61,578,805 ރުފިޔާއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ މުޅި އަހަރު ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ 107,205,043 ރުފިޔާއާ ގާތްކުރާ އަދަދެއް، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައި ލިބިފައިވުމެވެ. 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 102.2 މިލިއަން ރުފިޔާއެވެ. އެއާ އަޅާބަލާއިރު މިދިޔަ އަހަރު 4.8 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ރާއްޖޭގައި މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ 19,527.90 ރުފިޔާއެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބައިނަލްއަގުވާމީ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކޮށްގެންނެވެ. ރިހީގެ އަގަށް ބަލައިގެން ފައިސާ އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ދީނީ އިލްމުވެރިން ވަނީ ލަފާދެއްވާފައި ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެއެވެ.
ޒަކާތު ހައުސްއިން ބުނާގޮތުގައި، އަހަރުން އަހަރަށް ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މުދަލު ޒަކާތަކީ އެ މީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ފަރުޟެކެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހޭނީ މުދަލުގެ 2.5 އިންސައްތައެވެ. މުދަލު ޒަކާތް އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެއްކިދާނެއެވެ.
ކޮމެންޓު ފޮނުވާ