މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ އޮތޯރިޓީން އިތުރުކޮށްފިއެވެ.
މި ފަހަރު އެމްއެމްއޭއިން ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ބެޗްލާސް ޑިގްރީއާއި، މާސްޓަރސް ޑިގްރީގެ އިތުރުން ޕީއެޗްޑީއަށެވެ. ސްކޮލަރޝިޕް ފުރިހަމަކުރުމަށްފަހު 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި ފަހަރު ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި، މެލޭޝިޔާގެ ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރސް އޮފް އެކައުންޓިންގ ހެދުމުގެ ފުރުޞަތު ހިމެނެއެވެ. މީގެ އިތުރުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯސް އަދި މާސްޓަރސް އޮފް އިކޮނޮމިކްސް ހެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތަކަށް، މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީން ތިން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ. އެއީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވަރކާއި ޑެޒަރޓޭޝަން ހިމެނޭ ޕްރޮގްރާމަކާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ހަމައެކަނި ރިސާޗަށް ބިނާވެފައިވާ ޕްރޮގްރާމެއްގެ އިތުރުން، އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް) ގެ ދާއިރާއެވެ.
މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީގެ އިތުރުން، ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައްވެސް އެމްއެމްއޭގެ ފަރާތުން ހަމަޖައްސައިދޭނެއެވެ. އަދި ކޯސް ކުރިއަށްދާ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ފޮތް އެލަވަންސާއި، އެސްޓެބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޑިޕާޗަރ އެލަވަންސް ވެސް ދޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން، ވިސާ ހެއްދުމުގެ ޚަރަދާއި، ހެލްތު އިންޝުއަރެންސްގެ ޚަރަދުވެސް ސްކޮލަރޝިޕުގެ ތެރެއިން ހަމަޖައްސައިދޭނެއެވެ.
ކޮމެންޓު ފޮނުވާ