ޗައިނާގެ ކުރީގެ އިސް އޮފިޝަލެއް 325 މިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއްގައި މަރަން ހުކުމްކޮށްފި

ޗައިނާގެ ކުރީގެ އިސް އޮފިޝަލެއް 325 މިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއްގައި މަރަން ހުކުމްކޮށްފި

Author
އަހުމަދު
07 ޖުލައި 2026 08:02
0

ޗައިނާގެ ނަންޖިން ސިޓީގެ އިގްތިސާދީ ތަރައްގީއާ ބެހޭ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޔަންގް ޔޫލިން، ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގިކަން ސާބިތުވެ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ޖިއާންގްސޫ ޕްރޮވިންސްގެ ކޯޓަކުން މި ހަރުކަށި ހުކުމް އިއްވާފައިވަނީ 1993 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 30 އަހަރު ދުވަހުގެ ތެރޭގައި 2.21 ބިލިއަން ޔުއާން (325 މިލިއަން ޑޮލަރު) އަށްވުރެ ގިނަ ފައިސާ ނަހަމަ ގޮތުގައި ހޯދާފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ. ރިޝްވަތު ހިފުމުގެ އިތުރުން މަނީ ލޯންޑަރިންގ އާއި، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުން ފަދަ ކުށްތައް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މި ފައިސާ އޭނާ ހޯދާފައިވަނީ ބިން ދޫކުރުމާއި ބޮޑެތި މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުމުގެ ތެރެއިންނެވެ.

އިގްތިސާދީ ކުށްތަކަށް ޗައިނާގައި އާންމުކޮށް މަރުގެ ހުކުމް ނުދިން ނަމަވެސް، މިއީ އާދަޔާ ހިލާފަށް ބޮޑު އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ މިއީ ބޮޑު ކުށެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިން ފައްޓަވާފައިވާ އެންޓި-ކޮރަޕްޝަން ކެމްޕޭނުގެ ދަށުން ނިންމި ވަރަށް މުހިންމު މައްސަލައެކެވެ. ކޯޓުގެ ނިންމުމާއެކު ޔަންގްގެ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވާއިރު، ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އޭނާ ވަނީ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.