ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާނަމަ ސެކިއުރިޓީ ކަނޑާލަން ނިންމި ނަމަވެސް، ފަސްޖެހިވަޑައިގަތުމެއް ނެތި އެފަދަ އެއްވުންތަކަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސެކިއުރިޓީ ކަނޑާލާނެކަމުގެ ބިރުދައްކައިގެން އެމަނިކުފާނު މަގުމައްޗަށް ނުނުކުމެ ގޭގައި ހުންނަވާނެކަމަށް އެއްވެސް ފަރާތަކުން ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހޯދެން އޮތް އެންމެ މަތީ މިންވަރަކުން ހޯއްދަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ލީޑަރުންނަށް ގިނައިން ހަމަލާދީފައިވަނީ އެއްވުންތަކުގެ ތެރެއިންކަން ފާހަގަކުރައްވައި، ސެކިއުރިޓީ ކަނޑާލުމަކީ ގައުމީ ސަލާމަތަށްވެސް އޮތް ނުރައްކަލެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަމައެކަނި އަމިއްލަ ފުރާނަފުޅަށް ނުރައްކާވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ސެކިއުރިޓީ ނެތި އުޅުއްވަނިކޮށް ދޭ ހަމަލާއެއްގެ ސަބަބުން ކައިރީގައި ތިބޭ އެތައް ބަޔަކަށް ގެއްލުންވުމުގެ ފުރުސަތު އޮތުމަކީ ސަމާސާއަކަށް ހަދައިގެން ސިޔާސީ ބޭނުމަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސުންނަށް ދައުލަތުގެ ފަރާތުން އެމްއެންޑީއެފް މެދުވެރިކޮށް ސެކިއުރިޓީ ފޯރުކޮށްދެމުން އަންނައިރު، މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ އެ ރައްކާތެރިކަން ކަނޑާލަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީންނެވެ.
ކޮމެންޓު ފޮނުވާ