ކުށްކުރާ ކުދިންނަށް ޚާއްސަ "ހޯޕް އައިލެންޑް" ގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ

ކުށްކުރާ ކުދިންނަށް ޚާއްސަ "ހޯޕް އައިލެންޑް" ގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ

Author
އަހުމަދު
03 ޖުލައި 2026 09:15
0

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި އުތުރު ތިލަފަޅުގައި ތަރައްޤީކުރާ "ހޯޕް އައިލެންޑް" ގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުށްކުރުން ހުއްޓުވުމަށްޓަކައި އެކަމަށް މަގުފަހިވާ މޫލާފައިވާ މައްސަލަތަކަށް ސަރުކާރުން ދަނީ ޙައްލު ހޯދައިދެމުން ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން ކުދި ވިޔަފާރިތަކަށް އެހީތެރިވުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ޚަރަދު ބޮޑު މަޝްރޫޢަކަށް ވިޔަސް، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެންމެ ޒަމާނީ ފެންވަރުގެ ޙައްލެއް ގެނައުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކައި، 700 މީހުންގެ ޖާގަ ހިމެނޭ ގޮތަށް އެ ރަށް ތަރައްޤީކުރާނެއެވެ. މިކަމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަޝްރޫޢު ނިންމައި ބޭނުންކުރަން ފެށުމެވެ. އެތަނުގައި ތަޢުލީމާއި ތަމްރީނު ދޭނެ މަރުކަޒުތަކާއި، މުވައްޒަފުން ތިބޭނެ ޚާއްސަ ޔުނިޓުތަކާއި، ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭނެ ތަންތަންވެސް ޤާއިމުކުރާނެއެވެ.

"ހޯޕް އައިލެންޑް" އަށް ގެންދާ ކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތުގެ އިތުރުން ސައިކޯ ސޯޝަލް އިންޓަވެންޝަން ފަދަ ނަފްސާނީ ފަރުވާގެ ޕްރޮގްރާމްތަކާއި ކޮންޓެކްޓް ސްޕޯޓްސް ޕްރޮގްރާމްތައް ހިންގާނެއެވެ. އަދި އުމުރުން 18 އަހަރު ވަންދެން އެތަނުގައި ތިބުމަށްފަހު، އެ ކުދިން ވަކި މުއްދަތަކަށް ފުލުހުން ނުވަތަ ސިފައިންގެ ޚިދުމަތުގައި މަސައްކަތްކުރަން ޖެހޭގޮތަށް ހަމަޖެއްސުމަކީވެސް ސަރުކާރުން ނިންމާފައިވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.