ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، ވިޔަފާރިކުރުމަށްފަހު ފަސޭހަކަމާއެކު ބަހާލައިގެން ފައިސާ ދެއްކޭނެ "ސްޕްލިޓް ޕޭ" ގެ ހިދުމަތް އެ ބޭންކުން ތައާރަފްކޮށްފި އެވެ.
މިހާރު ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ރޭ ތައާރަފްކުރި މި އާ ހިދުމަތުގެ ދަށުން، 1،500 ރުފިޔާއިން ފެށިގެން މަތީގެ އަދަދުތަކުން ކުރާ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. މިއީ ބީއެމްއެލްގެ ވިސާ، މާސްޓަކާޑު އަދި އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެން ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ހާއްސަކޮށްފައިވާ ހިދުމަތެކެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ސްޕްލިޓް ޕޭގެ ސަބަބުން ކަސްޓަމަރުންނަށް އަގުބޮޑު ތަކެތި ގަތުމުގައާއި މާލީ ކަންކަން ރޭވުންތެރިކަމާއެކު ބަޖެޓްކުރުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
މިއީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ކަސްޓަމަރުންގެ ބޭނުންތަކާ ގުޅޭ ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި މުހިންމު ހިދުމަތެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ