ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ސްވިޒަލެންޑް އަތުން 2-0 އިން ބަލިވެ، އަލްޖީރިއާ މުބާރާތުން ކަޓައިފި އެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ބްރީލް އެމްބޫމޫގެ ލަނޑުން ސްވިޒަލެންޑް ލީޑު ނެގިއިރު، ދެވަނަ ހާފު ފެށުނުތަނާހެން ޑޭން އެންޑޮޔޭ ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. މެޗަށްފަހު ވާހަކަދައްކަމުން އަލްޖީރިއާގެ ކޯޗު ވްލަޑިމިރް ޕެޓްކޮވިޗް ބުނީ، މެޗުން ބަލިވީ ޓީމަށް ހެދުނު ސީރިއަސް ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި މިއީ ވަކި ކުޅުންތެރިއެއްގެ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި ޓީމަށް އެކުގައި ރަނގަޅަށް ޑިފެންސް ނުކުރެވުމުގެ ނަތީޖާ މެޗުން ފެނިގެންދިޔަ ކަމަށް ކޯޗު ބުންޏެވެ. ސްވިޒަލެންޑަށް ލިބުނު މަދު ފުރުސަތުތަކުން ލަނޑު ޖެހިއިރު، އަލްޖީރިއާއަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މި މެޗަށްފަހު ސްވިޒަލެންޑްގެ ކޯޗު މޫރަތު ޔަކިން ވަނީ އަލްޖީރިއާ ކުޅުންތެރިންގެ އިންޑިވިޖުއަލް ހުނަރަށް ތައުރީފުކޮށްފަ އެވެ.
ކުރިން ސްވިޒަލެންޑްގެ ގައުމީ ޓީމަށް ވެސް އިރުޝާދުދިން ޕެޓްކޮވިޗް ބުނީ، 12 އަހަރު ފަހުން ވޯލްޑް ކަޕަށް ކޮލިފައިވެ، ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަކީ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މުބާރާތުގެ ފެންވަރު މަތިކަން ފާހަގަކޮށް އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި މިލެވެލްގައި ކުޅެން އަލްޖީރިއާގެ ކުޅުންތެރިން އިތުރަށް ހޭނެން ޖެހޭ ކަމަށާއި، ޓީމުގެ ކުޅުމާމެދު މާބޮޑު ޝަކުވާއެއް ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ