ވެނެޒުއެލާގެ ބިންހެލުމަށްފަހު 8 ދުވަސް ވަންދެން އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި

ވެނެޒުއެލާގެ ބިންހެލުމަށްފަހު 8 ދުވަސް ވަންދެން އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި

Author
އަހުމަދު
03 ޖުލައި 2026 10:06
0

ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ވެއްޓުނު ޝޮޕިން ސެންޓަރެއްގެ ދަށުގައި އަށް ދުވަސް ވަންދެން ތާށިވެފައި އޮތް ސެކިއުރިޓީ ގާޑަކު ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

އުމުރުން 43 އަހަރުގެ ހެރްނާން އަލްބާރްތޯ ޚިލް ފްލޮރޭޒް ސަލާމަތްވީ، މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ލާ ގުއައިރާ ސްޓޭޓަށް އައި ބިންހެލުމުގައި ގެލެރިއަސް ޕްލާޔާ ގްރާންޑޭ ޝޮޕިން ސެންޓަރު ބިމާހަމަވި ނަމަވެސް، އޭނާ އިން ކުޑަ ސެކިއުރިޓީ ކެބިން ހަލާކުނުވެ ސަލާމަތްވުމުގެ ސަބަބުންނެވެ. ބޯ ކޮންކްރީޓްތަކުގެ ދަށުގައި އޭނާ ތާށިވި ނަމަވެސް، އެ ކެބިންގެ ސަބަބުން ނޭވާލާނެ ވައިގެ ޖާގައެއް އޭނާއަށް ލިބުނެވެ. މިއީ ވަރަށް ނާދިރު ގޮތަކަށް މީހެއްގެ ފުރާނަ ސަލާމަތްވި ހާދިސާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ބައިނަލްއަގުވާމީ ރެސްކިއު ޓީމުތަކުން އޭނާ ދިރިހުރިކަން ފުރަތަމަ ހޯދީ އާދީއްތަ ދުވަހުއެވެ. އެއަށްފަހު އެމެރިކާ، ޕޯޗުގަލް، މެކްސިކޯ އަދި އެހެނިހެން ގައުމުތަކުގެ މާހިރުން ގުޅިގެން 100 އަށްވުރެ ގިނަ ގަޑިއިރު މެދުކެނޑުމެއްނެތި ކުރި ބުރަ މަސައްކަތުން ކޮންކްރީޓްގަނޑު ކަނޑައިގެން އޭނާ ވަނީ ނަގާފައެވެ. މި މަސައްކަތް ކުރިއަށް ދިޔައިރު ހަނި ލޯވަޅަކުން އޭނާއަށް ފެނާއި ދިޔާ ކާނާ ދީ، ކެމެރާއެއް މެދުވެރިކޮށް އޭނާއާ މުޢާމަލާތް ކުރަމުން ދިޔައެވެ. މޫސުން ގޯސްވެ، އިތުރު ލޮޅުންތަކުގެ ނުރައްކާ އޮތް ނަމަވެސް މީހުން ސަލާމަތްކުރާ ޓީމުތަކުން ވަނީ ފަސްޖެހުމެއްނެތި މި އޮޕަރޭޝަން ކާމިޔާބުކޮށްފައެވެ.

ވެނެޒުއެލާއަށް އައި 7.2 އަދި 7.5 މެގްނިޓިއުޑްގެ ދެ ބިންހެލުމަކީ ފަހުގެ ތާރީޚެއްގައި އެ ގައުމަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއް ކާރިސާއެވެ. މި ހާދިސާގައި 2،200 އަށްވުރެ ގިނަ މީހުން މަރުވެ، 11،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ސަރުކާރުން ކާރިސާއަށް އިޖާބަދިންލެއް ލަސްކަމަށް ބުނެ ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް، އެ ގައުމުގެ އެކްޓިން ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ މިއީ ބައިނަލްއަގުވާމީ އެހީތެރިކަމާއެކު އިންސާނިއްޔަތުކަން ދައްކުވައިދިން ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.