ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ބޮސްނިއާގެ މައްޗަށް 2-0 އިން ކުރިހޯދައި، އެމެރިކާއިން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ކުޅުނު މި މެޗުގައި އެމެރިކާއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް 45 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ފްލޯރިއަން ބަލޮގަންއެވެ. ނަމަވެސް ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު، ރެފްރީ ވަނީ ބަލޮގަންއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ނަމަވެސް، އެމެރިކާއިން ވަނީ ހިތްވަރު އެލުވާނުލައި ކުޅެ މެޗުގެ 82 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ނަތީޖާ ޔަގީންކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަލިކް ޓިލްމަންއެވެ. މީގެ އިތުރުންވެސް އެމެރިކާއިން މެޗުގައި ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ފަހު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަލިވި އެމެރިކާ، މުބާރާތުގެ ގަދަ 16 ގެ ބުރުގައި ދެން ނުކުންނަން ޖެހޭނީ ވަރުގަދަ ބެލްޖިއަމްއާ ދެކޮޅަށެވެ. އެމެރިކާގެ ކުޅުންތެރިންނާއި ސަޕޯޓަރުން މިހާރު ތިބީ ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މުހިންމު މެޗަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
ކޮމެންޓު ފޮނުވާ