ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:26 ހާއިރުއެވެ. ކަނޑުމަތިން އޮޔާދަނިކޮށް މި ފަތުރުވެރިޔާ ފެނިފައިވަނީ މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54″ އަށެވެ. ފުލުހުންނަށް މި މީހާ ފެނުނުއިރު އޭނާ ވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ދުރަށް އޮޔާ ގޮސްފައެވެ. އެހެންކަމުން ފުލުހުން ވަނީ ވަގުތުން އެހީތެރިކަން ފޯރުކޮށްދީ، ކަނޑުމަތިން އޭނާ ސަލާމަތްކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ ފަތުރުވެރިޔާ މިހާރު ވަނީ ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ